ފަތުރުވެރިކަމުގެ ދައިރާގައި ހަރަކަތްތެރިވާ މުވައްޒަފުންނަށް ހާއްސަ އެކޮމޮޑޭޝަންތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި އެޅުމަށް ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ފަހި ފަތުރުވެރިކަމަށް އަންހެނުން ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވަނީ އަންހެނުން މިދާއިރާ އަށް ނިކުންނަން ފަސްޖެހޭކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ އެކަމުގެ ސަބަބެއް ގޮތުގައި އާއިލާއާއި ދުރުގައި މަސައްކަތް ކުރަން ޖެހުން ފާހަގަ ކުރައްވާފައެވެ. އަދި އާންމުކޮށް މުޖްތަމަޢުގައި އޮންނަ ވިސްނުމާއި ރިސޯޓުގައި މަސައްކަތް ކުރުން ތަފާތުކަން ފާހަގަ ކުރެއްވިއެވެ.
" އެދިމާލަށް އަންހެން ބޭފުޅުންނަށް ނުދެވޭ ސަބަބަކީ ޖޯގްރެފިކަލީ ރަށްރަށް އެތުރިފައި ހުންނަ ގޮތުން ވަކި ހިސާބަކުން ކައިވެނިކޮށްގެން، ރިސޯޓެއްގައި އުޅެން ދަތިވަނީ. އެއީ ދަރިފުޅު ސްކޫލަށް ގެންދިއުމާއި، ކިޔަވައި ދިނުމާއި ދަރިން ބެލެހެއްޓުމާއި މިކަންތައްތައް. މިއީ ހަޤީގަތެއް. " ސައީދު ވިދާޅުވިއެވެ.
އެހެން ކަމުން ރައީސް ވިސްނެވީ ވަކި ސަރަހައްދުތަކެއްގައި އެކޮމޮޑޭޝަން ސެންޓަރުތައް ހަދާ، ލުއިގޮތަކަށް މި ސިނާޢަތުގައި މަސައްކަތް ކުރާ ބޭފުޅުންނަށް އެ އެކޮމޮޑޭޝަން ސެންޓަރުތަކުން ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެއާއެކު ޓްރާންސްޕޯޓް ނެޓްވޯކެއް އައިސް، ފަސޭހަ ކަމާއެކު އެ ނިޒާމު ޤާއިމްވެފައި އިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި އެބައޮތް ރާއްޖޭގެ ސެންޓްރަލް އޭރީއާސްތަކެއް، ޑީސެންޓްރަލައިޒް ކުރުމުގެ ޕްލޭނެއް. މާނައަކީ ޕޮޕިއުލޭޝަން ސެންޓަރުތަކެއް ހެދުުގެ ޕްލޭނެއް. އަޅުގަނޑުމެންގެ މި ހުރިހާ މިނިސްޓްރީތައް ގުޅިގެން މިކުރާ މަސައްކަތަކީ އުތުރުގައި، މެދު ރާއްޖެ ތެރޭގައި އަދި ދެކުނުގައި، އެހިސާބުގަނޑަށް ނިސްބަތްވާ ރިސޯޓުތަކާއި އެއްކޮށް އެންމެ ރަނގަޅަށް ކަނެކްޓިވިޓީ ގެނެވޭނީ ކިހިނެތްތޯ ބެލުމާއި، އަދި ފަތުުވެރިކަމަުގެ ދައިރާގެ މަސައްކަތް ކުރާ ބޭފުޅުންނަށް ހާއްސަ އެކޮމޮޑޭޝަންތަކެއް ޤާއިމް ކުރުން " ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު މިކަން ފާހަގަ ކުރައްވާފައިވާއިރު، ފަތުުވެރިކަމުގެ ސިނާޢަތަށް ހާއްސަ ސޯޝަލް ހައުސިންގް ސްކީމެއް ތައާރަފް ކުރުމަށް ވަޒީރުން މަޖިލީހުގައި މިމަހުގެ 7 ވަނަ ދުވަހު ވަނީ މަޝްވަރާ ކުރެވި ނިންމިފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް އެފަރާތްތަކުން ވަޒީފާ އަދާކުރާ ނުވަތަ ދިރިއުޅޭ ސަރަހައްދުތަކުގައި ހިންގާ ސޯޝަލް ހައުސިންގެ ސްކީމްތަކަށް ކުރިމަތި ލެއްވޭނެ ގޮތް ހަދައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.