Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

ބޭނުންވަނީ ޑީކޯ ޗެމްބަރުތަކެއް އިތުރު ކުރާކަށް ނޫން: ޝިޔާމް

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝީޔާމް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ތެރެއިން / ފޮޓޯ: ފިޝާރީޒް މިނިސްޓްރީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތަކެއް އިތުރު ކުރުމުގެ ބަދަލުގައި ބޭނުންވަނީ ޒިންމާދާރު ކަމާއި އެކު ޑައިވިން ކުރާ މަސައްވެރިންތަކެއް އިތުރު ކުރުމަށް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ގ.ދ މަޑެވެލީގައި ބޭއްވި ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ވަރަށް ގިނަ މަސްވެރި ކޮމިއުނިޓީތަކުން އެމަނިކުފާނާއި ބައްދަލުވެ، އެ ސަރަހައްދެއްގައި ޑީކޮމްޕްރެޝަން ޗެމްބަރެއް ޤާއިމް ކޮށްދިނުމަށް އެދޭ ކަމަށެވެ.

އެހެން ނަމަވެސް ޗެމްބަރަކަށް ދާން މިޖެހެނީ ޑައިވް ކުރުމުގެ ތެރޭގައި އަނިޔާއެއް ވެގެން ނުވަތަ ކޮންމެވެސް ކަހަލަ އަނިޔާއެއް ނުވަތަ ނިޝާނެއް ވާކަމުގެ އަލާމާތެއް ވެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ނުވޭ؛ ޔަޤީންނުންވެސް އަޅުގަނޑެއް ބޭނުން ނުވޭ ދިވެހި ރާއްޖޭގައި {ޑީކޯ} ޗެމްބަރު އިތުރުވާކަަށް. އޭގެ ބަދަލުގައި އަޅުގަނޑު ބޭނުންވަނީ ޑައިވިން ކޮށްގެންވިއަސް، ޒިންމާދާރު ކަމާއިއެކީގައި ފީނާއިގެން އެންވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިން ތަކެއް ދެކެން. " ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް ވަނީ އެން އާލާ ކުރުމުގެ ޕްރޮގްރާމެއް މިހާރުވެސް ހުވަދޫ ސަރަހައްދުގައި ފަށާފައިވާކަން ފާހަގަކޮށް، އުއްމީދު ކުރައްވަނީ އެން އަލާ ކުރުމަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީވެގެން ދިއުން ކަމަށް ވިދާޅުވެފައެވެ.


އެމަނިކުފާނު ފާހަގަކުރެއްވީ ގއ. މާނަގަލާގައި އެން އާލާ ކުރުމަށް މިހާރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމުގެ ވާހަކައަށެވެ. އެގޮތުން އުއްމީދަކީ މިއަހަރު ކޮންމެވެސް ވަަރަކަށް އެން މާކެޓަށް އެ ފަރާތުން ނެރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ މުސްތަޤުބަލު ކުރިއަށް ދެން ބިނާ ކުރާނީ އެން ގަނެގެންތޯ ނުވަތަ އަމިއްލައަށް ޑައިވްކޮށް އެން ހޯދައިގެންތޯ މަސްވެރިންނަށް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި އެން ހޯދުމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ޑައިވް ކުރެއެވެ. މިގޮތަށް ކުރާ ޑައިވްތަކުގެ ސަބަބުން މީގެ ކުރިން ހިތާމަވެރި ހާދިސާތައްވެސް ވަނީ ހިނގާފައެވެ.

ކޮންމެ އޮޑިއެއްގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމަށް ސަރުކާރުން ނިންމާފައިވަނީ މި ސަބަބައްޓަކައި ރައްކާތެރިކަމާއި އެކު ޑައިވް ކުރެވޭނެ ގޮތް ހެދުމަށް ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ރައީސް މުއީޒު މަސްވެރިކަމުގެ މުހިންމު ސިޔާސަތެއްވެސްމެއެވެ.