ރާއްޖޭގައި މި ފަހުން ބާއްވަމުން އަންނަ އެކިއެކި އިންތިހާބުތަކުގައި ވޯޓްލާ މީހުން މަދުވަމުންދާ ކަމަށާއި އެކަމުން ދައްކުވައި ދެނީ ޑިމޮކްރަސީ އަށް ރައްޔިތުންގެ މެދުގައި ޝައުގު ކުޑަކަން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އޭނަ ވިދާޅުވީ އެއް އިންތިހާބަށް ފަހު އަނެއް އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވާކަން ފާހަގަކުރެވޭ ކަމަށާއި އެއީ ކަންބޮޑު ވެސް ވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބު މިހާރު ބޯމަތީގައި އޮތުމުން އެ އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރު ކުރުމަށް އެކޮމިޝަނުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޯޓްލާ މީހުންނަށް ފަސޭހަވާނެ ގޮތްގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވާތީ ވޯޓުލާން ކަނޑައަޅާ ވަގުތާ ގުޅޭގޮތުން އަންނަ ހަފުތާގައި ޤައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާ ކުރަން ވެސް ނިންމަވާފައިވާ ކަމަށެވެ.
"އެގޮތަށް މަޝްވަރާކޮށްފައި ރައްޔިތުންނަށް ވެސް އެންމެ ފަސޭހަވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަ ގަޑިއަކަށް ހެދުމުގެ ވިސްނުން ކޮމިޝަނުގެ ހުރީ." އޭނަ ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބު އޮންނާނީ މާޗް 17 ގަ އެވެ.