މާޗް މަހު ބާއްވަން ހަަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މާޗް 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ލިންކް https://my.elections.gov.mv މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ. ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ.
އޮފިޝަލުންނަށްވާން އެޕްލައިކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 18-65 އަހަރާއި ދެމެދުގެ މީހަކަށްވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުން އަންނަ މީހަކަށް ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުމާއި އޮފިޝަލެއްގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން އަދި ސްކޫލް ދަރިވަރަކަށް ނުވުން ވެސް ހިމެނެ އެވެ.
އީސީން ބުނީ ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 2،650ރ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 2،350ރ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 2،250ރ. އަދި ރިޒާވް އޮފިޝަލަކަށް 1،000ރ ލިބޭނެ ކަމަށެވެ.
އުޖޫރައިގެ އިތުރުން އިންތިޚާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ދިމާވާތީ 500ރ. ގެ އެލަވަންސެއް ވޯޓުލާމަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެއެވެ. އަދި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭ ނަމަ ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާ އެކީ ޖަމާކޮށް ދޭނެ އެވެ. އެއީ ރޯދަވީއްލުމަށް 250ރ. އަދި ތަރާވީސް ދަމަށް 100ރ. އެވެ.
އީސީން ބުނީ އޮފިޝަލުންނަށް ވާން ކުރިމަތިލާ މީހުންނަށް ޙާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ކަމަށާއި އެ ތަމްރީނު ފުރިހަމަނު ކުރާ ފަރާތްތަކުން އޮފިޝަލަކަށް ނުވެވޭނެ ކަމަށެވެ.
ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ އަންނަ މަހުގެ 24 އާއި މާޗް 10 އާ ދެމެދުގަ އެވެ.
މަޖިލިސް އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ މާޗް 17 ގަ އެވެ.