ފޭދޫ ބިން ހިއްކުމުގެ މަޝްރޫއާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީގެ ޓީމަކުން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާ ބައްދަލުވުން އޮތީ މި މަހުގެ 19 ވަނަ ދުވަހު ކައުންސިލް އިދާރާގަ އެވެ.
ކައުންސިލުން ބުނީ އެ ބައްދަލުވުމުގެ ބޭނުމަކީ ބިން ހިއްކުމުގެ މަސައްކަތާ ބެހޭ ގޮތުން ރައްޔިތުންނާއި ކައުންސިލްގެ ހިޔާލު ހުރި ގޮތް ބެލުން ކަމަށެވެ.
އެހެންވެ ކައުންސިލުން ވަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓްރީގެ އޮފިޝަލުންނާ ހިއްސާކޮށްފަ އެވެ. މިނިސްޓްރީން ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ތަފުސީލްތައް ކުރެހުންތަކާ އެކު ކައުންސިލާ ހިއްސާކޮށްފަ އެވެ.
އެހެން ނަމަވެސް ކައުންސިލުން ބުނެފައި ވަނީ ބިން ހިއްކުމުގެ މަސައްކަތް ފަދަ މަޝްރޫއުތައް ސަރުކާރުން ރާވަމުން އަންނަ އިރު، ކައުންސިލްގެ ހިޔާލު އެކަންކަމަށް ނުހޯދާ ކަމަށެވެ. އެހެންވެ
މި މަސައްކަތްތައް ރޭވިގެން އަންނަ އިރު ވާނުވާ ކައުންސިލަށް ނޭނގުމަކީ، ތަރައްގީގެ މަޝްރޫއުތައް ހިންގާ އިރު ގޮންޖެހުމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން އަދި ބުނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ އިރު، ތިމާވެއްްޓަށް ގެއްލުން ނުވާނެ ގޮތަކަށް އެކަން ކުރާނެ ކަމުގެ ޔަގީންކަން ވެސް ލިބެން ޖެހޭ ކަމަށެވެ. ހާއްސަކޮށް ފަރުތަކަށާއި މޫދުގެ އެހެން ދިރުންތަކަށް ލިބިދާނެ ގެއްލުންތަކާ ބެހޭ ދިރާސާތައް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ކައުންސިލުން އަދި ބުނީ މި މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ވަރަށް ގާތުން ބަލަމުން ދާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ ބިން ހިއްކުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ ވަރަށް ބޮޑެތި ދިރާސާތައް ހެދުމަށް ފަހި ކަމަށާއި، އެ ހުރިހާ ތަފުސީލްތައް ކައުންސިލާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.
ބިމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ އަދި ހަ ހާހެއްހާ މީހުންގެ އާބާދީއެއް އޮތް ފޭދޫން ހިއްކަނީ ވަނީ 46 ހެކްޓަރުގެ ބިމެވެ.
އެކަމަށް 170 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.
މި މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.