ކުރީގެ ސަރުކާރުން މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން ދޭން ނިންމި ގޯތިތަކުގެ ބިންތައް އަދި ހިއްކާފައި ނުވިޔަސް، އެ ބިންތައް ލިބޭނެކަމުގެ ޔަގީންކަން ދޭން ސަރުކާރުން ލިޔުމެއް ދޭން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ ހަތަރު ޖަމިއްޔާއެއް ގުޅިގެން ރޭ މާލޭގައި ބޭއްވި "މާލެ ބިންވެރިޔާ ސައްލާ" ގެ ޓީމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖް އާންމުކުރަމުންނެވެ. އެގޮތުން ގިރާވަރާއި ހުޅުމާލެ ހިއްކައިގެން ދޭ ގޯތިތަކުގެ ތެރެއިން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބޭ މީހުންނަށް، އެ ތަން ހިއްކާ ނިމުމުން ރަޖިސްޓްރީ ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.
ޔަގީންކޮށް ދިނުމުގެ ގޮތުން ލިޔުމެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަނުން އިންތިޒާމުކޮށްގެން ބޭއްވި ސައްލާގައި އެ ޖަމިއްޔާތަކުގެ މަންދޫބު ސުނާދު ލަތީފު ވިދާޅުވީ ނުހިއްކައި ހުރި ބިންތަކުން ބިން ލިބޭނެ ކަމަށް ގެޒެޓުގައި އިއުލާނުކޮށްފައިވާ މީހުންނަށް ލިޔުމެއް ލިބުމަކީ މުހިންމު ކަމެއް ކަމަށް ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށެވެ.
"ބިން ހިއްކައި ނިމުމުން ރެޖިސްޓްރީގައި ކޯޑިނޭޓްތައް ހިމަނައި ހަވާލުކުރެވޭނެ ވާހަކަ ހިމެނޭ ގޮތަށް ރަސްމީ ލިޔުމެއް މި ސަރަހައްދުތަކުން ބިން ލިބުނު ފަރާތްތަކަށް ދިނުމުގެ މަސައްކަތް އިނީޝިއޭޓު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި،" އޭނަ ވިދާޅުވި އެވެ.
ސުނާދު ވަނީ ބުރާސްފަތި ދުވަހު ރައީސް ބައްދަލު ވެސް ކުރައްވައިފަ އެވެ. އޭނަ ވިދާޅުވީ ބިންތަކުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ކުރެވެން އޮތް ގޮތެއް ބަލައި އެގޮތަކަށް އެކަން ކުރާނެކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި އަލަށް ހިއްކައު ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 އަށް ވުރެ ގިނަ ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް ހަވާލު ކުރި އެވެ. އެކަން މެދުކެނޑުމަށް ފަހު، އަލުން އަނެއްކާ ވެސް ވަނީ ރަޖިސްޓްރީ އާއި ބިން ދޭން ފަށައިފަ އެވެ.