ރާއްޖޭގެ އަމަންއަމާންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެހީތެރިކަން އަބަދު ވެސް ލިބޭނެކަމުގެ ޔަގީންކަން އެމެރިކާ އިން ދީފި އެވެ.
ދިވެހި ސަރުކާރަށް އެ ގައުމުން އެ ޔަގީންކަން ދިނީ އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކްއިލީނޯ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމު ޒިޔާރަތުގަ އެވެ. އެ ބައްދަލުވުމުގައި އޭނަ ވަނީ ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްގީ އަށް އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
ބައްދަވުމުގައި ރައީސް ވަނީ ދިވެހި ސިފައިންނަށް އެމެރިކާ އިން ތަމްރީނު ފުރުސަތުތައް ފަހިކޮށް ދިނުމާއި އެމްއެންޑީގެ ގާބިލިއްޔަތުކަން އިތުކުރަން އެމެރިކާގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވި އެވެެ. އަދި ރާއްޖެ އާއި އެމެރިކާ އަކީ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި އެ ގުޅުން އެ ގޮތުގައި އަބަދު ވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ދާދި ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންއާ ފޯނުން ގުޅުއްވައި އަސްކަރީ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.