Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

އެމްއައިއެފްއެސްއޭ އުފައްދައިފި

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމް ކުރުމަށް، "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" ނަމުގައި އިދާރާއެއް ރައީސުލްޖުމުހޫރިއްޔާ އުފައްވައިފިއެވެ.

މިފްސާގެ ނަމުގައި އުފެއްދި މި އިދާރާ ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މި އިދާރާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސްޕްޝަލް އިކޮނޮމިކް ޒޯން ޤާނޫނުގައި ބަޔާންވެފައިވާ އޮފްޝޯ އަދި އޮންޝޯ ފައިނޭންސިންގް ޚިދުމަތްތަކާއި އަދި އޮންޝޯ އަދި އޮފްޝޯ ޑިވެލޮޕްމެންޓް ބޭންކިން ޚިދުމަތް ޤާއިމް ކުރުމަށެވެ.

އެއިދާރާ އުފައްދާފައިވަނީ 4 މަސައްކަތެއް ކުރުމަށެވެ. އެ މަސައްކަތްތަކަކީ:

  1. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުން.
  2. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ދުނިޔޭގެ މާލީ ބާޒާރުތަކަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ދެނެގަތުމާއި، އެ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
  4. ދިވެހިރާއްޖޭގެ މާލީ ބާޒާރުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް، ޤާނޫނުތަކާއި އިދާރީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭގޮތުން ދިރާސާކުރުން.

މި އިދާރާ ޤާއިމް ކުރުމަށް ކެބިނެޓުން ނިންމާފައިވަނީ މިމަހުގެ ކުރީކޮޅު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ. މި އީ ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތެއް ސަރުކާރުން ފާހަގަ ކުރެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކާއި ބެހޭ ބިލެއް ޑްރާފްޓުކޮށް މަޖިލީހަށް ފޮނުވައިގެން އެ ބިލް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކެއް ޤާޢިމް ކުރުމަށް ނިންމާފައިވާއިރު، ބައިނަލްއަޤްވާމީ މާލީ ހަބަކަށް ދިވެހި ރާއްޖެ ހެދުމަކީ ސަރުކާރުގެ މުހިންމު އެއް އަމާޒެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރުވެގެންދާ ބޮޅެއް ގޮތުގައި ސަރުކާރުން ޤަބޫލު ކުރެއެވެ. މިގޮތުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ފުނަދޫ ތަރައްޤީ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.