މިއަހަރު ފެށުނީސުރެ ނެރުން ހުއްޓާލާފައިވާ އޮތް ދައުލަތުގެ މާލީ ހާލަތު ބަޔާން ކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް ފިނޭންސް މިނިސްޓްރީން އަލުން ނެރެން ފަށައިފިއެވެ.
ފިނޭންސް މިނިސްޓްރީން މި ރިޕޯޓު ނެރުން ހުއްޓާލީ، މިދިޔަ ޑިސެމްބަރު މަހުގެ ފަހު 28 ވަނަ ދުވަހު އެންމެ ފަހުން ނެރެފައިވާ އެ އަހަރުގެ ރިޕޯޓަށް ފަހުއެވެ. އޭރު ރިޕޯޓުތައް ނެރުން ހުއްޓާލި ސަބަބެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީ ވެބްސައިޓުގައި ފަހުން ވަނީ އައު އަހަރުގެ ރިޕޯޓުތައް ނެރެން ފަށާނީ އައު އަހަރާއި ގުޅުވައި ގެންނަން ބައެއް ބަދަލުތައް ގެނައުމަށް ފަހު ކަމަށެވެ. އަދި އެރިޕޯޓުތައް އެބަދަލުތައް ގެނެސް ރިޕޯޓުތައް ޝާއިއު ކުރަން ފަށާނެ ކަަމަށް ފިނޭންސް މިނިސްޓްރީން ވެބްސައިޓުގައި އޭރު އޮތެވެ.
މި ރިޕޯޓުތައް އަލުން ނެރެން ފަށާފައިވާކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އައު އަހަރުގެ ބަޖެޓަށް ރިޕޯޓު ނިޒާމަށް ބަދަލު ގެނެސް އަލުން ޝާއިއު ކުރަން ފަށާފައިވާ ކަމަށެވެ.
The Ministry has published the first two Weekly Fiscal Developments for the fiscal year 2024, after bringing in adjustments to the reporting system to reflect the Approved Budget 2024. The reports can be viewed on our website: https://t.co/QBffcd7NKx
— Ministry of Finance (@MoFmv) January 21, 2024
މިއަދު އަލުން ރިޕޯޓުތައް ނެރެން ފެށިއިރު، މިދިޔަ ދެ ހަފްތާގެ ރިޕޯޓު އެއްކޮށް ވަނީ ޝާއިއުކޮށްފައެވެ. އެގޮތުން ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު ދައުލަތަށް 390 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، 524 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.
ދައުލަތަށް ލިބޭ އާމްދަނީ އާއި ޙަރަދުތަކުގެ ތަފްސީލުކޮށް ހިމެނޭ މި ރިޕޯޓު ކޮންމެ އަންގާރަ ދުވަހަކު ނެރެއެވެ. މިއީ މިދިޔަ ސަރުކާރުގައި ނެރެން ފެށި ރިޕޯޓުތަކަކެވެ.