ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާރު ވަރަށް ބޮޑަށް ހީނަރުވެފައިވާތީ ރާއްޖޭގެ "ނޮވެމްބަރު 3" އަށް ބިނާކޮށް، ބޮލީވުޑްގެ ތަރި ސަލްމާން ޚާން ކުޅެން އޮތް ފިލްމު "ދަ ބުލް" ގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ މިދިޔަ މަހުގެ 28 ގައި ލޯންޗްކުރި ފިލްމުގެ މަސައްކަތް، އެ އުފައްދާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މަޑުޖައްސައިލީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގައި ކުނިޖެހިފައި އޮތުމުން "ވާނުވާ ބަލަން" މަޑުކޮށްލުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިހާރު ނިންމާފައި އޮތީ ދެ މަހަށް ފިލްމުގެ މަސައްކަތް ހުއްޓާލާފައި ބޭއްވުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ފިލްމުގެ ޓީމުން ބަލަމުން ގެންދާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
"ދަ ބުލް" އަކީ ޓެރަރިސްޓުންގެ ބަޔަކު ރާއްޖޭގެ ވެރިކަން ވައްޓާލަން، ވެރިރަށް މާލެ އަށް އަރައި ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އަށް އެހީވާން އިންޑިއާ އިން "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި ހިންގި އޮޕަރޭޝަނާ ގުޅުވައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. މީގައި ސަލްމާން ކުޅެން އޮތީ އެ އޮޕަރޭޝަންގެ ކޮމާންޑަރަށް ހުރި ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.
"ދަ ބުލް" ގެ ޑައިރެކްޓަރަކީ ދަރުމާގެ 2021 ގެ "ޝޭރްޝާ" ގެނެސްދިން ވިޝްނޫ ވަރުދާން އެވެ. މި ފިލްމަކީ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އަށް ފަހު ކަރަންގެ ދަރުމާ އަށް ސަލްމާން ސޮއިކުރި ފުރަތަމަ ފިލްމެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ "ދަ ބުލް" ގެ މަސައްކަތް މެދުކަނޑާލުމަށް ފަހު، ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ވާނުވާ ބެލުމަށް ފަހު، ފިލްމުގެ ސްކްރިޕްޓަށް އެއްވެސް ކަހަލަ ބަދަލުތަކެއް ގެންނަން ޖެހޭނެ ނަމަ އެކަން ކުރާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުމާ ހެދި ފިލްމު ހަދަން ނުފެންނަ ހާލަތަކަށް ގޮސްފި ނަމަ ފިލްމު ނެހެދުމުގެ ވިސްނުންތަކެއް ވެސް ދަރުމާގެ އެބަހުރި ކަމަށް ބުނެފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމަށް ކުޑައިމީސްކޮށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލްް މީޑިއާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މިކަމެއް ފެންމަތިވީ އިންޑިއާގެ ލަކްޝަދީޕަށް މޯދީ ކުރެއްވި ދަތުރެއްގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމުން، އިންޑިއާގެ ވަރަށް ގިނަ ބަޔަކު ރާއްޖެ އާއި ލަކްޝަދީޕްގެ ގުދުރަތީ ރީތިކަން އަޅާކިޔައި، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވަން ފެށުމުންނެވެ.
މިކަމާ ގުޅިގެން އުފެދުނު ކޯޅުންގަނޑުގެ ތެރޭގައި އިންޑިއާ މިހާރު ދަނީ ފުޅާކޮށް ރާއްޖެ ބޮއިކޮޓްކުރަން ކެމްޕޭން ކުރަމުންނެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ސަރުކާރުން ފޮނުވާލަން ނިންމުމަކީ ވެސް ދެ ގައުމުގެ ގުޅުމަށް ބުރޫއަރަން މަގުފަހިވެފައި އޮތް މައްސަލައެކެވެ.