އައްޑޫގެ އަވަށްތަކުގައި އިޝްތިހާރު ކުރުމަށް އުސޫލެއް ކަނޑައަޅައި އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރާނަމަ ސިޓީ ކައުންސިލަށް ފީއެއް ދައްކާގޮތަށް އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
"އެކި ހަރަކާތްތަކާއި ގުޅިގެން ރަށުތެރޭ އިޝްތިހާރުތަކާއިބެހޭ އުސޫލު" ނަމުގައި އައްޑޫސިޓީ ކައުންސިލުން އުސޫލެއް ފާސްކޮށް މިއަދު ވަނީ އާންމުކޮށްފައެވެ. މި އުސޫލަކީ، އިންތިހާބުތަކާއި އެހެނިހެން އިޖްތިމާޢީ ހަރަަކާތްތަކާއި ގުޅިގެން، އައްޑޫގެ އެކި އަވަށްތަކުގެ އާންމު މައިދާންތަކާއި މަގުމަތީގައި ހަރުކުރެވޭ އިޝްތިހާރުތަކާއި (ބެނާ، ޕޯސްޓަރ، ބިލްބޯޑު އަދި ދިދަފަތި) އަދި ލީފްލެޓް/ސްޓިކަރ ފަދަ ތަކެތި ބޭނުންކޮށްގެން އިޝްތިހާރު ކުރުމުގައި އަމަލު ކުރަންވާނެ ގޮތް ކަނޑައެޅުމެވެ.
އެގޮތުން އުސޫލުގެ މަޤްޞަދަކީ އިންތިހާބުތަކާއި އަދި އެހެނިހެން އިޖްތިމާޢީ ހަރަކާތްތަކާއި ގުޅިގެން، އާންމު މައިދާންތަކާއި މަގުމަތީގައި އިޝްތިހާރު ކުރުމުގެ އުސޫލެއް ކަނޑައެޅުމާއި އައްޑޫސިޓީގައި ސާފު ވެެއްޓެއް ޤާއިމް ކުރުމެވެ.
މި އުސޫލުގެ ދަށުން 3 ފަރާތަކަށް އިޝްތިހާރު ކުރުވޭނެއެވެ. އެގޮތުން ވަކި އަވަށެއްގައި އިޝްތިހާރު ކުރާނަމަ އެ އަވަށެއްގެ އަވަށު އޮފީހަށް ފޯމު ހުށަހަޅައިގެން އިޝްތިހާރު ކުރެވޭނެއެވެ. މުޅި ސިޓީގެ ހުރިހާ އަވަށެއްގައި އެއްފަހަރާ އިޝްތިހާރު ނުވަތަ ކެމްޕެއިން ކުރާނަމަ، ހުށަހަޅާނީ ސިޓީ ކައުންސިލަށެވެ.
އުސޫލުގެ ދަށުން އަގު ނަގާނީ
- އާންމު ފަރުދަކަށް – 1500ރ.
- ރެޖިސްޓަރ ކުރެވިފައިވާ ޖަމީއްޔާއެއް ނުވަތަ ވިޔަފާރިއަކުން ވަކި އަވަށެއްގައި އިޝްތިހާރު ކުރާނަމަ – 5000ރ.
- މުޅި ސިޓީއަށް އަމާޒުކޮށްގެން ވަކި ފަރުދަކަސް ޖަމީއްޔާއަކަސް ވިޔަފާރިއަކަސް ހުއްދައަށް އެދޭ ނަމަ 10،000ރ.
އުސޫލުގެ ދަށުން އިޝްތިހާރު ކުރާ މުއްދަތު ހަމަވުމުން އެ ތަކެތި ނަގާ ސާފު ކުރުމަކީ ހުއްދަ ހޯދާ ފަރާތުގެ ޒިންމާއެކެވެ. އަދި އުސޫލާއި ޚިލާފަށް އަމަލު ކުރާ ފަރާތްތަށް ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޖޫރިމަނާ ނަގާނީ
- އާންމު ފަރުދެއްނަމަ : 500ރ. އާއި 2000ރ. ދެމެދުގެ އަދަދެއް
- ވިޔަފާރިއެއް ނުވަތަ ޖަމީއްޔާއެއް: 2000ރ. އާއި 10،000ރ. ދެމެދު
މިއާއެކު ކައުންސިލުގެ ހުއްދައަކާއި ނުލައި އާންމު އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ހަރު ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މަގުމަތީ ނިޝާންތަކާއި ލައިޓް ޕޯސްޓުތަކުގައި އިޝްތިހާރު ހަރުކުރުން މަނާ ކުރެވިފައިވާއިރު، ސަރުކާރު އިމާރާތްތަކާއި މިސްކިތްތަކުގެ ބޭރުގައި އިޝްތިހާރު ކުރުން ވަނީ މަނާކޮށްފައެވެ.
އައްޑޫގައި އިޝްތިހާރު ކުރުމަށް އުސޫލެއް ކަނޑައެޅިއިރު، މީގެ ކުރިން އައްޑޫގެ މަގުތަކުގައި އިންތިހާބުތަކާއި ދިމާކޮށް ކުލަގަދަކޮށް ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް އަދި ބިލްބޯޑުތައް ޖަހައެވެ. މީގެ އިތުރުން ތައުލީމުދޭ އިދާރާތަކާއި ބޮޑެތި ވިޔަފާރިތަކުންވެސް އިޝްތިހާރު ބޯޑުތައް އާންމު ބައެއް ސަރަހައްދުތަކުގައި ޖަހައި ބޭނުން ކުރެއެވެ.