Last Updated: November 27, 17:17
Wednesday, November 27, 2024
ޚަބަރު

ކަނޑު އަޑީގެ ޓަނަލަކީ މާނައެއް ނެތް ކަމެއް

ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ކަނޑު އަޑީގެ ޓަނަލެއް ހެދުމަކީ މާނައެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދި ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ފަރިކޮޅުފުށި ހިއްކައިގެން ތަރައްގީ ކުރަން ނިންމާފައިވާ ޒަމާނީ ރަސްމާލެ ސިޓި އާއި ރާއްޖޭގެ ވެރިރަށް މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅައިލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހުގެ ރޭ އިއުލާން ކުރެއްވުމުމާ ގުޅޭ އެކަމަށް ފާޑު ވިދާޅުވެ، ޖަމީލު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދަރަންޏާއީ އިންފްލޭޝަން ފަދަ އިގުތިސާދީ މައްސަލަތަކުގެ ތެރޭގައި ރާއްޖެ އޮއްވައި ކަނޑު އަޑީގެ ޓަނަލެއް އަޅަން ސަރުކާރުން އިއުލާން ކުރުމަކީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވެ އެންމެ ބޮޑު ބިރަކީ ގައުމުގެ އިގުތިސާދު ހާލަތު ނޭނގޭ، ކުރިއެރުމާއި، ހުރަސްތައް ނޭނގޭ ރައީސެއް އިންތިޚާބު ކުރެވުނުކަމުގެ ބިރު." ޖަމީލު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ކަނޑު އަޑީގެ ޓަނަލް ހެދުމަށް ވުރެ ރައްޔިތުންނަށް މާ މުހިއްމު އަސާސީ ކަންކަން ކުރަންވެފައި އެބަހުރި ކަމަށެވެ.

މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅައިލާނެކަން ރައީސް އިއުލާން ކުރެއްވުމާ އެކީ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔައި، ޖޯކު ވެސް ޖަހަމުންނެވެ.

ރައީސް ވިދާޅުވެފައި ވަނީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ވަރަށް ގާބިލު ކުންފުނިތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ކަނޑު އަޑީގެ ޓަނަލް މާލެ އިން ރަސްމާލެ އަށް ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެން ދާނީ< ރައީސް ވިދާޅުވި އެވެ. "އެ ޓަނަލްގައި ދުއްވާ ރޭލުގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް." އެ މަނިކުފާނު ވިދާޅުވީ އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާ އެކީ ފީޒިބިލިޓީ މަޝްވަރާތައް ފަށާފައިވާ ކަމަށާއި މިއީ ޓޫރިޒަމްގެ ވެސް ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި މިއީ ރާއްޖެ އަށް ޓޫރިސްޓިން އެތައް ގުނައަކުން އިތުރުވާނެ މަޝްރޫއެއް ކަމަށާއި މި ސަރުކާރުން ކުރާނީ ދެކޮޅުޖެހޭ ކަންތައްތައް ކަމަށް ވެސް ރައީސް އެވެ.