Last Updated: February 11, 14:08
Tuesday, February 11, 2025
މުނިފޫހިފިލުވުން

"ކަންބަޅި" ގޮވަނީ "އާދޭ ދާން"

އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ކަންބަޅި" އިން ލަވައެއް ދައްކާލައިފި އެވެ.

"އާދޭ ދާން" ގެ ނަން ދީފައިވާ މި ލަވައިން ފެންނަނީ ފިލްމުގައި ދެމަފިރިންގެ ރޯލު ކުޅެފައިވާ ރަވީ ފާރޫގާއި ނުޒުހަތު ޝުއައިބް (ނުޒޫ) ގެ އިތުރުން އެ މީހުންގެ ދަރިފުޅާއި އެ މީހުންގެ ގުޅުމެވެ. ޝަހީދު ލެގަސީގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ މަރިޔަމް ސަލްވާ އެވެ.

އަންނަ މަހުގެ 1 ގައި ޕްރީމިއަކުރަން ހަމަޖެހިފައިވާ "ކަންބަޅި" އަކީ ބިރުވެރި ފިލްމެކެވެ. އައި ފިލްމްސް އިން ގެނެސްދޭ މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށް އޭނަ އާއި ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު އިފްނާޒް ފިރާގު ގުޅިގެން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ދެ ޓްރެއިލާއެއް ވެސް ދައްކާލާފައިވާ "ކަންބަޅި" ގެ ކާސްޓްގައި ވާޝިޔާ މުހައްމަދު، ޝަރަފު އަބްދުﷲ އަދި ތާތި ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު އޮލިމްޕަހަށް އަންނަ ދެވަނަ ފިލްމެވެ. މިހާރު އެ ސިނަމާގައި އޮތީ މި މަހުގެ 6 އިން ފެށިގެން ދައްކަމުން އަންނަ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.

ބެލުންތެރިންގެ އިތުބާރު މިހާރު ވަރަށް ބޮޑަށް ލިބިފައިވާ އިއްލެ މިދިޔަ އަހަރު ދެ ފިލްމެއް ގެނެސްދިނެވެ. އެއީ ކްރައިމް ތުރިލާ "ނީނާ" އާއި ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. އޭނަގެ ފުރަތަމަ ފީޗާ ފިލްމަކީ 2019 ގެ "ބަވަތި" އެވެ.