Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

ދެ މަހުން އަހަރެއްހާ ދުވަހުގެ މަސައްކަތް ކުރެވިއްޖެ

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަހާ ފޯރަމުގައި ވާހަކަ ދައްކަވަނީ

ސަރުކާރާއި ހަވާލުވިތާ ދެ މަހާއި ކުޑަ ދުވަސްކޮޅެއްވީއިރު، އަހަރެއްހާ ދުވަހުގެ މަސައްކަތް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ވަޒީރުންނާއި ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި "އަހާ" ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ ވަނީ ބާއްވާފައެވެ. މި ފޯރަމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ މިހާތަނަށް ކުރެވުނު ގިނަ މަސައްކަތްތަކަށް ބަލާއިރު، އަހަރު ދުވަހަށް ވަރަށް މަސައްކަތް ކުރެވުނު ކަމުގެ އިހުސާސް ވާ ކަމަށް ވިދާޅުވެފައެވެ.

" ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން އެބަ ކުރަން، އަޅުގަނޑު ސްޓޭޖަށް އަރާފައި ވިސްނާލިއިރު އަޅުގަނޑަށް އިހުސާސް ކޮށްލެވުނު އެއް އަހަރު ދުވަހުގެ މަސައްކަތް ކުރެއްވިއްޖެއޭ. އެކަމަކު ދެމަހާއި ދުވަސްކޮޅެއް އަދި މިވީ. " މިނިސްޓަރ ވިދާޅުވިއެވެ.

މި ފޯރަމުގެ ތެރެއިން މިނިސްޓަރ ވަނީ އިޤްތިޞާދީ ތަރައްޤީ އާއި ބެހޭ ވުޒާރާއި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ޖެހިފައިވާ ދެ މައްސަލައަކަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. އެގޮތުން ވިޔަފާރިތަކަށް ޑޮލަރު ލިބުމުގެ ތާށިކަން ހައްލު ކުރަން އެކްސްޗޭންޖް ރޭޓް ހަމައަކަށް އަޅުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ވަރަށް އެކްޓިވް ބްލެކް މާކެޓެއް އެބައޮތް، މި ހަޤީގަތް އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތަކެއް އެބަހުރި އިރާދަ ކުރެއްވިއްޔާ މިއަހަރު ތެރޭ މި އެކްސްޗޭންޖް ރޭޓު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާނަން. މިހާރުވެސް އެ މަސައްކަތް ފަށައިގެން މިއުޅެނީ. ދެވަނަ ކަމަކަށް " މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރާއި އެބޭފުޅުން ހަވާލުވި އިރު ސަޕްލިމެންޓަރީ ބަޖެޓުވެސް ހިމެނޭހެން 7 ބިލިއަން ރިފުޔާ ދަރަންޏެއް އޮތް ކަމަށް ވިދާޅުވިއެވެ.

"ދައުލަތް ދަރާ އެބައޮތް 7 ބިލިއަން ރުފިޔާ، އެއީ ކުދި ވިޔަފާރިތަކަށް. ރައީސް މުއިއްޒުގެ ވެރިކަމުގައި ދެ މަހާއި ދުވަސްކޮޅެއް މިވީ. އިރާދަ ކުރެއްވިޔާ އެ އަދަދު 3.5 ބިލިއަން ރުފިޔާއަށް ކުޑަ ކުރެވިފައި އެއޮތީ. " މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އިޤްތިޞާދީ ދައިރާގައި ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން ސަރުކާރުން ބުނަމުންދާއިރު، ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ވެސް ފަށާފައިވަނީ އިޤްތިޞާދު ނާޒުކު ފައްތަރެއްގައި އޮވެ ކަމަށް އިޤްތިޞާދު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.