Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

އައިސީޖޭގެ ވަގުތީ ފިޔަވަޅުތަކަށް ރާއްޖެއިން މަރުހަބާ ކިޔައިފި

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭއިން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ގަތުލްއާންމުގެ އަމަލުތަކަށް މަގުފަހިވާނެ ފަދަ ކަންކަން ހިނގިޔަ ނުދޭން ފިޔަވަޅުތައް އެޅުމަށް ނިންމި ނިންމުމަށް ދިވެހި ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމާއި ގުޅިގެން ވިދާޅުވީ، އައިސީޖޭއިން ނެރެފައިވާ ވަގުތީ އަމުރުގައި ހިމެނޭ ގައްޒާ ގެ ރައްޔިތުންނަށް ދެކޮޅަށް ޤަތުލުޢާމު ހިންގުމަށް ގޮވާލުމަށް އަދަބު ދިނުމަށާއި އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން ޤަބޫލުކުރަނީ އިޒްރޭލުން ގައްޒާގެ ރައްޔިތުން މެރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި، ވަގުތުން ދައިމީ ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމް ކުރަން ޖެހޭ ކަމުގައެވެ. އަދި ކޮންމެ އިންސާނެއްގެ ފުރާނައިގެވެސް އަގެއްވާ ކަމަށާއި އެއީ ރައްކާ ކުރަން ޖެހޭ އެއްޗެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވައިގެ ހަމަލާތަކުންނާއި، ގެދޮރު ނައްތާލައިގެން އަދި އަޕާތައިޑް (ނަސްލީ ގޮތުން ތަފާތުކޮށް އެކަހެރިކޮށް ގެންގުޅުމުގެ އުސޫލު) ގެންގުޅެގެން އަމަން އަމާންކަން ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދައިމީ އަމަންކަން ޤާއިމް ކުރެވޭނީ، 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ ފަލަސްތީނުގެ ވަކި ދައުލަތެއް ޤާޢިމްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ފަލަސްތީނު މައްސަލާގައި ބައިނަލްއަޤްވަމީ ހުރިހާ މައިދާނެއްގައިވެސް ފަލަސްތީނާއި އެއްކޮޅަށް ވަކާލާތު ކުރާ ޤައުމެކެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް އަބަދުވަސް ވަނީ ވަކާލާތު ކޮށްފައެވެ.