Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭ އަދަދާއި ގުޅޭ ޤަވާއިދު އިސްލާހުކުރަނީ

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި އަދި ސިޓީތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު ކޮންޓްރޯލް ކުރުމުގައި ކައުންސިލްތަކަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޓީ އަދި ރަށު ކައުންސިލްތަކުން އެ ތަނެއްގައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް 2 މަސް ދުވަހުގެ ތެރޭގައި ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އެގޮތުން ޤަވާއިދަށް ބަދަލު ގެނެސް އަލުން ޝާއިއު ކުރާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީއަށް ދާދި ފަހުން އިންތިހާބުވި މޭޔަރ އާދަމް އާޒިމް ވަނީ އެއްގަމު އުޅަނދުގެ އަދަދު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭ ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ހެދި މި ޤަވާއިދަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ. މިއީ ރަށެއްގައި ނުވަތަ ސިޓީއެއްގައި ދުއްވޭނެ އެންމެ ގިނަ އަދަދެއްގެ އުޅަނދު ކަނޑައެޅުމުގައި ޢަމަލު ކުރަން ޖެހޭ އުސޫލު ކަނޑައެޅުމަށް ހަދާފައިވާ ޤަވާއިދެކެވެ. މި ޤަވާއިދުގެ ދަށުން މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ހާލަތު ބަޔާން ކުރާ އެސެސްމެންޓެއް ހަދަން ޖެހެއެވެ.

އެގޮތުން މި އެސެސްމެންޓުގައި އުޅަނދުތަކުގެ އަދަދާއި، އިތުރުވަމުން އައި މިންވަރާއި އާބާދީގެ އިތުރުން ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ޕާކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ބޮޑުމިން ހިމަނަން ޖެހެއެވެ.

އުސޫލު އެކުލަވާލާއިރު އުޅަނދު ބޭނުންކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން، އުޅަނދުގެ ރަޖިސްޓްރޭޝަން ވަގުތުން ބާތިލްކޮށް އުޅަނދު ނައްތާލުން ފަދަ އިޖުރާއަތުތައް ހިންގުމުގެ ކުރިން، އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ސިޓީ ނުވަތަ ސަރަހައްދު ފިޔަވާ، އެ ނޫން ތަނަކަށް ރީރަޖިސްޓާ ކުރުމަށް ނުވަތަ އުޅަނދު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް ނުވަތަ އެ ނޫންވެސް އުޅަނދުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމެއް ކުޑަކުރެވިދާނެ ފިޔަވަޅުތައް ހިމެނުމަށް އިސްކަން ދޭން ޖެހެ އެވެ.