މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް އައިމިނަތު ސޫޒަން ހަމަޖައްސައިފި އެވެ.
އެ މަގާމަށް އޭނަ މިއަދު އައްޔަންކުރި އިރު އެންމެ ފަހުން ހުންނެވީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. ސޫޒަން އަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރުގެ އިތުރުން ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) ގެ އެގްޒެކެޓިވް ބޯޑު މެންބަރެއް ވެސް މެ އެވެ.
މަޓާޓޯ އިން މިއަދު ބުނީ އާ ސީއީއޯއަކަށް ސޫޒަން ހަމަޖެއްސުމަކީ އެ އެސޯސިއޭޝަނުން މިންތީގެ ހަމަހަމަކަމާއި އަންހެނުން ކުރިއެރުވުމަށްދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތަކީ އެންމެ ފަސް ޕަސެންޓްކަން ފާހަގަކޮށް މަޓާޓޯއިން ބުނީ އޭގެ ސަބަބުން މިންތީގެ ހަމަހަމަކަމާއި، މުހިންމު ސިނާއަތްތަކުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުބް ދާއިރާއިން އަންހެނުންނަށް ފުރުސްތުތައް ފަހިކޮށްދީ، އިންކްލޫސިވް މާހައުލެއް ގާއިމުކުރުން މުހިއްމު ކަމަށް ވެސް މަޓޯޓާ އިން ބުންޏެވެ.
ސޫޒަން އަކީ ވަރަށް ކުޑައިރު، ޓީވީއެމްގެ ކުޑަކުދިންގެ ޕްރޮގްރާމްތަކުން އާންމުންގެ ސަމާލުކަން ލިބުނު މީހެކެވެ. މަޝްހޫރު މިއުޒިޝަން މޫޝަންއާ އެކީ ސޫޒަން ވީޑިއޯ ލަވައެއް ވެސް ކުޅެފައިވާ އިރު 1997 ގެ ފިލްމު "އަމާނާތް" ގައި އޭނަ ކުޑައިރުގެ ރޯލެއް ވެސް ކުޅެފައިވެ އެވެ.