ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް މީނިސްޓަރުންނަށްރައްޔިތުންގެ މަޖިލީހުގައި ރުހުން ނުދޭން ނިންމައި ދަ ޑިމޮކްރެޓްސް އިން ތުރީލައިން ވިޕެއް މިއަދު ނެރެފި އެވެ.
ވަޒީރުންނަށް ރުހުން ދިނުން ވެސް ހިމެނޭ ގޮތަށް ދައުރުން ބޭރުން މިއަދު ބާއްވާ ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އަސާސްތަކަށް ބަލާއިރު އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލު ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
"ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން،" ބަޔާނުގައި ބުންޏެވެ. "އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލު ކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކީގައި އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެ މަތިން."
ބައެއް މިނިސްޓަރުން ރުހުން ނުދޭން ޑިމޮކްރެޓުން ތުރީލައިން ވިޕެއް ނެރުނު އިރު، އެ ޕާޓީން ވަނީ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފަ އެވެ. ޑިމޮކްރެޓްސް އަކީ އެމްޑީޕީން ވަކިވި ބަޔަކު އިސްކޮށް އުފެއްދި ޕާޓީއެކެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް މެމްބަރުންތަކެއް ހިމެނިވަޑައިގަނެ އެވެ.