ހދ. ހަނިމާދޫ އެއާޕޯޓްގެ އާ ރަންވޭގެ ބައެއް މިއަދު ބޭނުން ކުރަން ފެށި އިރު، މުޅި ރަންވޭގެ މަސައްކަތް އެއްކޮށް މި އަހަރުގެ މާޗްގައި ނިމެނޭ ކަމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީ) އިން ބުނެފި އެވެ.
އާ ރަންވޭގެ 1،200 މީޓަރު މިއަދު ބޭނުން ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން އަހުމަދު މުބީން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ.
އޭނަ ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު މަސައްކަތުގެ ސްޕީޑް ހުރި ގޮތަށް ބަލާ އިރު މާޗްގެ ނިޔަލަށް މުޅި ރަންވޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުބީން ވިދާޅުވި އެވެ.
"އެއާޕޯޓް މަޝްރޫޢާއެކު މި ސަރަޙައްދަށް ނުވަހާސް ޓޫރިޒަމް ބެޑް ގެންނަން ޖެހޭ. މި ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައި ފަތުރުވެރިކަމަށް ރަށްތަައް ދޫކުރާއިރު މި ސަރަޙައްދަށް ވަރަށް ބޮޑަށް ބެލުމަށް ވަނީ ނިންމާފައި." އޭނަ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓްގައި ހަދަނީ ޖުމްލަ 2،465 މީޓަރު ދިގު ރަންވޭއެކެވެ. އެ ރަންވޭ ތަރައްޤީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރު ވަނީ ސަބްބޭސް އަޅައިފައެވެ. އަދި ބާކީ އޮތް 650 މީޓަރުގެ މަސައްކަތް ކުރުމަށްޓަކައި ކުރީގެ ރަންވޭ ބަންދު ކުރަން ނިންމާފައިވާ އިރު، ކަމަށާއި، މި ދެބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރާނީ އެކުއެކީގައި އާރްއޭސީން ބުންޏެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީގެ މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. މިތަން ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.
ކުރީގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ. އެ ކުންފުންޏާ އެކީ އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ.