އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް މިސްރުގެ ކުންފުންޏާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.
އައްޑޫ ބްރިޖްގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ. އެ ކުންފުނިން ބްރިޖުގެ ސާވޭގެ މަސައްކަތްތައް ހިލޭ ސާބަހަށްކޮށްދޭނެ ކަމުގެ އިޝާރާތެއް ވެސް ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ބްރިޖުގެ ސާވޭގެ މަސައްކަތް ކުރިއަށްގެންދަން ދިވެހި ސަރުކާރާއި އެ ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން އެންމެ ރަނގަޅު ކަމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ބްރިޖާއި ގުޅޭ ސާވޭ އާއި ތަފާތު އެކި ދިރާސާތަކުގެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދިނުމަށް ހަމަޖެހިފައިވަނީ ތިން މަސް ދުވަހުގެ މުއްދަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ މުއްދަތުގެ ތެރޭގައި ބްރިޖާއި ގުޅޭ އިތުރު މަޝްވަރާތަކެއް އެހެން އެއްވެސް ފަރާތަކާއި ނުކުރަން ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިމް ވަނީ ބްރިޖާއި ގުޅިގެން ހަދަންޖެހޭ ތަފާތު އެކި ސްޓަޑީޒްތައް ހެދުމަށް ހޭދަވާނެ ކަމަށް ބެލެވޭ ދެ މިލިއަން ޑޮލަރަކީ ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. ސާވޭ ނިންމުމަށްފަހު ފައިނޭންޝަލް ޕްރޮޕޯސަލް އަދި ޓެކްނިކަލް ޕްރޮޕޯސަލްގެ ހަރަދުތަކުގެ ތަފްސީލުތައް ހުށަހަޅަން ވެސް އެ ކުންފުންޏަށް އަންގަން ވަނީ ނިންމާފަ އެވެ.
އައްޑޫ ބްރިޖަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަނިކުފާނުގެ "ހަފުތާ 14" ނުވަތަ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖާ ގުޅުން ހުރި މުހިއްމު ކަންތައްތަކެއް ރާވާފައިވެ އެވެ. އެގޮތުން މިވަގުތު އެންމެ އިސްކަމެއް ދީފައި ވަނީ ބްރިޖުގެ ޑިޒައިނާ އެކީ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުވެ.
ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ "ހަފުތާ 14" ގެ ތެރޭގައި ދިރާސާތައް ނިންމައިލެވޭނެ ކަމަށެވެ.