މިދިޔަ އަހަރު ރިލީޒްވި ފިލްމްތަކަށް އެވޯޑް ދޭން ބާއްވާ ހަފުލާތައް މިހާރު ދެން މި ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފަ އެވެ. އެކަމަކު ކުރިއަށް އަދި އައިފާ ވެސް އޮންނާނެ އެވެ.
އޭގެ ކުރިން މި އޮތީ އިންޑިއާ ސަރުކާރުން ދޭ ނެޝަނަލް އެވޯޑެވެ. މި އަހަރު ބާއްވަނީ 62 ވަނަ ނެޝަނަލް އެވޯޑް ހަފުލާ އެވެ. އެވޯދް ހަފުލާ އޮންނާނީ އަންނަ މަހުގެ 3 ގައި ނިއު ދިއްލީގަ އެވެ.
މި އެވޯޑަކީ އިންޑިއާގައި އެތައް ބަހަރުވަކުން ނިކުންނަ ހުރިހާ ފިލްމްތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.
އެހެން ނަމަވެސް މި އާޓިކަލްގައި ބަލައިލާނީ މި އަހަރު ނެޝަނަލް އެވޯޑް ލިބުނު ބޮލީވުޑްގެ ފަރާތްތަކަށެވެ.
މި ފަހަރުގެ ނެޝަނަލް އެވޯޑަށް ބަލާ އިރު، އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލް ކުރީ "ކްއީން" ކުޅެގެން އުމުރުން 28 އަހަރުގެ ކަންގަނާ ރަނާވަތު އެވެ. މިއީ އޭނާ އަށް ނެޝަނަލް އެވޯޑް ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ.
މަދޫރު ބަންދާކަރު 2008 ގައި ޑައިރެކްޓް ކުރި "ފެޝަން" ގައި މޮޑެލެއްގެ އަނދިރި ފަރާތް ދައްކައިގެން އެ އަހަރު ކަންގަނާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް އުފުލާލައިފަ އެވެ.
ވިކާސް ބާލް ޑައިރެކްޓް ކުރި "ކްއީން" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމަށް ނެޝަނަލް އެވޯޑްގައި ވަނި އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑް ވެސް ދީގަ އެވެ.
ބޮލީވުޑަށް މި ފަހަރު ލިބުނު ފާހަގަކޮށްލެވޭ އިތުރު ނެޝަނަލް އެވޯޑްތަކުގެ ތެރޭގައި ދެން ހިމެނެނީ:
* ބެސްޓް މިއުޒިކް ޑިރެކްޓަރު: ވިޝާލް ބަރަދްވާޖް (ހައިދަރް)
* އެންމެ މޮޅު ފިރިހެން ލަވަ ކިއުންތެރިޔާ: ސުކްވިންދަރު (ބިސްމިލް: ހައިދަރް)
* އެންމެ މޮޅު ނެށުން: ސުދޭޝް އަދާނާ (ހައިދަރް)
* އެންމެ މޮޅު ކޮސްޓިއުމް: ޑޮލީ އަހުލުވާލިއާ (ހައިދަރް)
* ބެސްޓް ޕޮޕިއުލަ ފިލްމް ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް: މޭރީ ކޮމް
* ސްޕެޝަލް މެންޝަން: ބޫތުނާތު ރިޓާންސް