ސަރުކާރުގެ މިނިސްޓަރުންތަކަކަށް އިދިކޮޅު މެމްބަރުންތަކެއް މަޖިލީހުގައި ރުހުން ނުދޭން އުޅެނީ ޒާތީވެގެން ކަމަށާއި އެކަމުން ސަރުކާރު ބަލި ވެސް ނުކުރެވޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ އިތުރުން ދަ ޑިކޮމްރެޓްސް އިން ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމާފައިވުމާއި މިނިސްޓަރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ދެ ޖަލްސާގައި ހިނގައި ދިޔަ ކަންތައްތަކަށް އިޝާރާތް ކުރައްވައި ކުރީގެ ޑިފެންސް މިނިސްޓަރު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ސަރުކާރު ބަލިކުރެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށެވެ.
"އެހެން ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ރައީސް ޑރ މުއިއްޒުގެ ސަރުކާރު ބަލިކަށި ކޮށްލެވޭނެކަމަށް ހީކުރުމަކީ ކުށް ހީއެއް." ނާޒިމް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރައްޔިތުން ގޮތް ނިންމައި، ހޮވާފައިވާ ސަރުކާރުގެ އެންމެ ގާބިލު މިނިސްޓަރުންނަށް ރުހުން ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ހުރިހާ މިނިސްޓަރުންނަކީ ވެސް ޝަރުތު ހަމަވާ ބޭފުޅުން ކަމަށް ނިންމަވާފައި ވަނިކޮށް މަޖިލިސް ތަޅުމުގައި ވޯޓު ނުދީ އެ ބޭފުޅުން ބޭރުކޮށްލަން އުޅުމަކީ ޒާތީވެގެން ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރުހުން ނުދޭން އިދިކޮޅު ނިންމާފައި ވަނީ ހަތަރު މިނިސްޓަރަކަށެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އުޝާމަށެވެ.
މިނިސްޓަރުންނަށް ރުހުން ދޭން މިއަދު ހެނދުނު 11:00 އަށް ތާވަލުކުރި ޖަލްސާ މިހާރު އޮތީ މެންދުރު ފަހު 1:00 އަށް ފަސްކޮށްފަ އެވެ.