ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ މީހުންނަށް މާދަމާ އެ ފުރުސަތު ހުޅުވައިލަން ތައްޔާރުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަން އީސީ) އިން ބުނީ ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 14 އާ ހަމައަށް ކަމަށެވެ. ފޯމް ދޫކުރަން ފަށާނީ މާދަމާ ހެނދުނު 9:00 އިން ފެށިގެންނެވެ. އީސީގެ ވެބްސައިޑުން ފޯމް ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
މެމްބަރުކަމަށް ކުރިމަތިލާން އެދި ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ ނަމަ، އެ މީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ ޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރާއި އިންތިހާބާ ގުޅޭ އެންމެހާ ޚަރަދުތައް ކުރުމަށްޓަކައި، އިންތިޚާބުގެ ބޭނުމަށް ރާއްޖޭގައި ހިންގާ ބޭންކެއްގައި އަލަށް ހުޅުވި އެކައުންޓްގެ ނަމާއި އެކައުންޓް ނަންބަރުގެ ތަފްސީލު ވެސް ހިމެނެ އެވެ.
އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ އެ މީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 މީހުން އެމީ ހަކަށް ތާއީދުކުރާކަން އަންގައިދޭ ސޮއި ހުށައަޅަން ޖެހޭނެއެ ވެ.
މަޖިލީހަށް ކުރިމަތިލާ މީހުން އެ މީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި މީހަކު ހަމަޖައްސައި އެކަމުގެ އިގުރާރު ވެސް ހުށައަޅަން ޖެހޭނެ އެވެ. އަދި މިދިޔަ މަހުގެ 14 ގެ ފަހުން އުފައްދާފައިވާ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް ވެސް އިލެކްޝަން ހުށައަޅަން ޖެހޭނެ އެވެ. މަޖިލިސް އިންތިޚާބަށް ކުރިމަތިލާ މީހުން 5،000ރ ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހެ އެވެ.
މަޖިލިސް އިންތިހާބު އޮންނާނީ މާޗް 17 ގަ އެވެ. އަދި 93 މެންބަރަކު އިންތިހާބުކުރާނެ އެވެ.
މިހާރު އޮތް 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ ނިޔަލަށެވެ.