އައްޑު އަށް މިހާރު ޑޮލަރު އޭޓީއެމެއް މުހިއްމުވާ ކަމަށާއި އެކަމަށް ގިނަ ބަޔަކު އެދޭ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ އަށް އޭނަ ވިދާޅުވެފައި ވަނީ އައްޑޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކެމްޕޭން ތެރޭގައި ވެސް ވިދާޅުވި ކަމަށާއި އެ މަނިކުފާނު ވެރިކަމުގައި ހުންނެވި ނަމަވެސް އެކަން ވެފައި އޮތީސް ކަމަށެވެ.
ނިޒާރު ވިދާޅުވީ މާލެއާ އެއްގޮތަށް ބޮޑު އާބާދީއެއް އުޅޭ އައްޑޫގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ރައްޔިތުން އެދެމުންދާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ މަޝްވަރާކޮށްގެން އެކަން ފަހިކޮށްދެއްވަން ވައުދުވެވަޑައިގަތް ކަމަށް ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ އެޕޮއިންޓްމަންޓަކަށް ކައުންސިލުން އެދިފައިވާ ކަމަށާއި އެޕޮއިންޓްމަންޓް އަދި ހަމަޖެހިފައި ނެތް ކަމަށެވެ. އަދި ރައީސާ ބައްދަލު ކުރެވުނު އިރަކުން ޑޮލަރު އޭޓީއެމްގެ މުހިއްމުކަމުގެ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫގައި ހިދުމަތް ދެމުން އަންނަ ބޭންކްތަކުގެ ތެރޭގައި ބީއެމްއެލް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިމެނެ އެވެ. މި ބޭންކްތަކުގެ އޭޓީއެމްތައް އައްޑޫގައި ހުރެ އެވެ.