Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް ހުޅުވާލައިފި

މާޗް މަހު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފ އެވެ.

ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 އާ ހަމައަށެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމު މިއަދު ހެނދުނު 9:00 އިން ފެށިގެން ދޫކުރަމުން ގެންދާނެ އެވެ. އީސީގެ ވެބްސައިޓް elections.gov.mv އިން ފޯމް ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކަށްވުމާ އެކީ ސުންނަތް ޖަމާޢަތުގެ މީހަކަށްވުމާއި އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން އަދި ބުއްދި ހަމައަށް ހުރި މީހަކަށްވުން ހިމެނެ އެވެ.

މެމްބަރުކަމަށް ކުރިމަތިލާން އެދި ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ ނަމަ، އެ މީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ ޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރާއި އިންތިހާބާ ގުޅޭ އެންމެހާ ޚަރަދުތައް ކުރުމަށްޓަކައި، އިންތިޚާބުގެ ބޭނުމަށް ރާއްޖޭގައި ހިންގާ ބޭންކެއްގައި އަލަށް ހުޅުވި އެކައުންޓްގެ ނަމާއި އެކައުންޓް ނަންބަރުގެ ތަފްސީލު ވެސް ހިމެނެ އެވެ.

އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ނަމަ އެ މީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 މީހުން އެމީ ހަކަށް ތާއީދުކުރާކަން އަންގައިދޭ ސޮއި ހުށައަޅަން ޖެހޭނެއެ ވެ.

މަޖިލީހަށް ކުރިމަތިލާ މީހުން އެ މީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި މީހަކު ހަމަޖައްސައި އެކަމުގެ އިގުރާރު ވެސް ހުށައަޅަން ޖެހޭނެ އެވެ. އަދި މިދިޔަ މަހުގެ 14 ގެ ފަހުން އުފައްދާފައިވާ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް ވެސް އިލެކްޝަން ހުށައަޅަން ޖެހޭނެ އެވެ. މަޖިލިސް އިންތިޚާބަށް ކުރިމަތިލާ މީހުން 5،000ރ. ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހެ އެވެ.

މަޖިލިސް އިންތިހާބު އޮންނާނީ މާޗް 17 ގަ އެވެ. އަދި 93 މެންބަރަކު އިންތިހާބުކުރާނެ އެވެ.

މިހާރު އޮތް 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ ނިޔަލަށެވެ.