ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާ އަށް ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ކުރިން ވެސް މެންބަރުކުރެއްވި ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން ސޯޝަލް މީޑިއާގައި ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަން ނިންމެވީ ދާއިރާގެ ރައްޔިތުންގެ ޙައްގުގައި، އަދި ދާއިރާގެ ކުރިއެރުމަށާއި ތަރައްގީ އަށް މަސައްކަތްކޮށް، ގައުމަށް ބޭނުންވެފައިވާ މުހިއްމު އިސާލާހުތައް ގެންނަން މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ.
އަށާރަ ވަނަ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި ފާރިސް ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ރައްޔިތުންނާ އޮންނަ ގުޅުން ނުކެނޑި، މެދުވެރިންނާއި އެހެން މަސްލަހަތުތަކަށް ޖާގަ ނުދީ، ރައްޔިތުންގެ މަސައްކަތް ކުރެވޭނެ ގޮތަކީ އެއީކަމަށްވާތީ ކަމަށެވެ.
ފާރިސް ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވައިފަ އެވެ. އެ ފަހަރު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ރަޝީދު (ބޯދިގު) އެވެ.
ފާރިސް 20 ވަނަ މަޖިލީހަށް ވާދަކުރައްވާ އިރު، ހުޅުމާލޭގެ ދެކުނު ދާއިރާ އަށް ޕީއެންސީ/ޕީޕީއެމްގެ ޓިކެޓް ހޯދަން އޭނަގެ ދައްތަ ދުންޔާ މައުމޫން ޕްރައިމަރީގައި ވާދަކުރައްވައިގެން ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ.
މިހާރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފާރިސް އާއި ދުންޔާގެ ކޮއްކޮ ގައްސާން މައުމޫން އެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގަ އެވެ.