ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ނަމަވެސް އަލުން މިނިސްޓަރުކަމަށް އައްޔަންކުރި ތިން މިނިސްޓަރުންނަށް މަގާމުތައް ދިނުމާ މެދު އަލުން ވިސްނާވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.
ގަރާރުގައި ވަނީ، ގާނޫނު އަސާސީ އަށް އިހުތިރާމުކުރައްވައި، ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް ވެސް ރައީސް އަށް ގޮވާލާފަ އެވެ. އީވާގެ ގަރާރުގައި ބުނީ އެކަމަކީ، ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ނެތިގެން ދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިިނގައި ދާނެ ކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ އެ ނިންމެވުމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ބ) އިން މީހަކު މަގާމަށް އިސްކުރުމަށްޓަކައި ނުވަތަ ވަކިކުރުމަށްޓަކައި އެކަން ފާސްކުރުމަށް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުމެއް ފާސްކުރުމާ ނުކުރުމަށް މަޖިލީހަށް ލިބިދީފައިވާ ބާރު ކާނޑުވާލާ ކަމެއް ކަމަށެވެ.
އެގޮތުން އެއީ ގާނޫނުއަސާސީން މަޖިލީހުގެ މައްޗަށް މަތިކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައް ހިނގާ ނުހިނގާ ގޮތް ބެލުމާ ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލުން ކަމަށާއި ރައީސްގެ ނިންމެވުމަކީ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އޭގައި ފާހަގަކޮށްފައިވާ ގޮތުގައި މަޖިލީހުން ރުހުން ނުދޭ އެއްވެސް ވަޒީރަކަށް މަގާމުގައި ނުހުރެވޭނެ ކަމަށް ބަޔާންކުރާ ސްޕްރީމް ކޯޓުގެ ހުކުމެއް އޮއްވައި ރައީސް ނިންމެވި ނިންމެވުމަކީ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނިންމުމެކެވެ.
ރައީސް މުއިއްޒުގެ ކެބިނެޓްގެ 22 މިނިސްޓަރުންގެ ތެރެއިން މަޖިލީހުން މިދިޔަ އާދީއްތަ ދުވަހު ރުހުން ނުދިން މިނިސްޓަރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. ނަމަވެސް، ހަމަ އާދީއްތަ ދުވަހުގެ ރައީސް ވަނީ އެ ބޭފުޅުން އަލުން މަގާމުތަކަށް އައްޔަންކުރައްވައި، ފަތްކޮޅު ވެސް ދެއްވައިފަ އެވެ.