Last Updated: November 28, 21:08
Friday, November 29, 2024
ޚަބަރު

ކަސްޓަމްސް އިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު

ކަސްޓަމްސް އިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތަށް ހުޅުވާލައިފި އެވެ.

އެތަނުން މިއަދު އިއުލާންކުރީ އެސިސްޓެންޓް ކަސްޓަމްސްގެ އޮފިސަރުންގެ 31 މަގާމަކަށާއި ސަޕޯޓް ސާވިސް އޮފިސަރު ގްރޭޑް 1 ގެ ހަތް މަގާމަށެވެ. މި ދެ މަގާމުގެ ފުރުސަތަކަށް ވެސް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ.

އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް މުވައްޒަފުން ހޯދަނީ މާލެ ސަރަހައްދުގެ އޮފީސްތަކަށެވެ. މަގާމުގެ އަސާސީ މުސާރަ އަކީ 5،000ރ. އެވެ. މީގެ އިތުރުން ނޮން-ޕްރެކްޓިސިން އެލަވަންސް ގޮތުގައި 1,750ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި ހާޒިރުވާ ކޮންމެ ދުވަހެއްގެ ކޮއްތަށް 60ރ. ގެ އިތުރުން
ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް އަދި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ އެވެ.

މަގާމުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާ އެކީ، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމެވެ.

ކަސްޓަމްސް އިން ބުނީ ސަޕޯޓް ސާވިސް އޮފިސަ ގްރޭޑް 1 އަށް މުވައްޒަފުން ހޯދަނީ މާލެ އާއި އައްޑު ލ. އަތޮޅަށެވެ.

މި މަގާމުގެ އަސާސީ މުސާރަ އަކީ މަހަކު 4,000/ރ. އެވެ. އަދި އިތުރު އިނާޔަތްތަކުގެ ގޮތުގައި ނޮން-ޕްރެކްޓިސިން އެލަވަންސަށް 1,400ރ. އާއި ސާވިސް އެލަވަންސަށް އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި ހާޒިރުވާ ކޮންމެ ދުވަހެއްގެ ކޮއްތަށް 60ރ. ގެ އިތުރުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިމަމް ވޭޖް އެލަވަންސާއި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ލިބޭނެ އެވެ.

ވަޒީފާތަކަށް އެޕްލައި ކުރަން ޖެހެނީ ކަސްޓަމްސްގެ ރެކްރޫމަންޓް ޕޯޓަލް www.customs.gov.mv/recruitment/OTPVerification މެދުވެރިކޮށެވެ.