އާންމުންނަށް ސުވާލު ވެސް ކުރެވޭ ގޮތަށް މި އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސެއް ބާއްވަން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ނިންމައި އެވެ.
"މަޖިލިސް 2024" ގެ ނަމުގައި ބާއްވާ މި ބަހުން ފަށަން ނިންމާފައި ވަނީ މި މަހުގެ 20 ގަ އެވެ. އަދި ބަހުސް ގެނެސްދޭނީ ޕީއެސްއެމްގެ ޔެސް ޓީވީންނެވެ. ޕީއެސްއެމުން ބުނީ 20 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ފަސް ދާއިރާއެއްގެ ކެންޑިޑޭޓުން ބަހުސް ގެނެސްދޭން ހަމަޖެހިފައިވާ ކަމަށެވެ.
ކެންޑިޑޭޓުންނާ އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ސުވާލުތައް އެސްއެމްއެސްކޮށްގެންނެވެ.
ބަހުސް ފަށަން ނިންމާފައި ވަނީ އެންމެ ފުރަތަމަ މާލޭގެ ދާއިރާތަކުންނެވެ. އެއާ އެކީ ހއ.އި ން ފެށިގެން އައްޑުއާ ހަމައަށް ކެންޑިޑޭޓުންގެ ބަހުސް ގެނެސްދޭނެ އެވެ.
މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގަ އެވެ. އެ އިންތިހާބުގައި ވާދަކުރަން ހުށަހަޅަން ދިން މުއްދަތު މި މަހުގެ 20 އަށް ހަމަވާނެ އެވެ.
ވިހި ވަނަ މަޖިލީހަށް ޖުމްލަ 93 މެންބަރަކު އިންތިހާބު ކުރާނެ އެވެ.