ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގެ މަގުން އެއާ ކާގޯގެ ހިދުމަތް ފެށޭނެ ގޮތެއް ބަލަން ދިރާސާއެއް ހަދަން ނިންމައިފި އެވެ.
މި ދިރާސާ ހަދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން އިއްޔެ ވަނީ ގައުމީ ޔުނިވަސިޓީއާ އެކީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފި އެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސްލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މުޅި ރާއްޖެ ކަވަރުވާ ގޮތަށް ދިރާސާ ކުރިއަށް ގެންދަން ނިންމާފައި ވަނީ ރަށްތައް ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އަދު ދިރާސާ ނިންމުމަށް ހަތަރު މަސް ނަގާނެ އެވެ.
މި ދިރާސާއިން އެކުރާނެ ބައެއް މައުލޫމާތުތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެއާ ކާގޯ މެދުވެރިކޮށް އަވަސްކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުމާއި ވިޔަފާރިތަކުން އެއާ ކާގޯ މެދުވެރިކޮށް މުދާ ފޮނުވަން ބޭނުންވެފައިވާ މިންވަރު ދެނެގަތުން ހިމެނެ އެވެ. އަދި އެއާ ކާގޯ މެދުވެރިކޮށް މުދާ ފޮނުވުމަށްޓަކައި ދިމާވާ އެ ކަންކަން ހައްލު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމާއި ކަނޑުމަގުން އެއާޕޯޓާއި އެހެން ރަށްތަކާއި ދޭތެރޭ ކާގޯ ގެންދިއުމަށް ހުރި ހުރަސްތައް ދެނެގަތުމާއި ރީޖަނަލް އެއާޕޯޓްތަކުގައި އެއާ ކާގޯގެ ޚިދުމަށް ދިނުމަށްޓަކައި ވަސީލަތްތައް ހުރި މިންވަރު ދެނެގަތުން ވެސް ހިމެނެ އެވެ.