މި އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ދެ ޕާޓީއަކުން ބާއްވާ ޕްރައިމަރީ މިއަދު އޮންނާނެ އެވެ.
އެ ދެ ޕާޓީ އަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި އެ ޕާޓީގެ ތެރެއިން ވުޖޫދަށް ގެނައި ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސް އިން ޕްރައިމަރީ ބާއްވަނީ ހަތަރު ދާއިރާއަކަށެވެ. އެ ޕާޓީން ވާދަކުރާ އެހެން ހުރިހާ ދާއިރާތަކަށް ޕްރައިމަރީއާ ނުލައި ކެންޑިޑޭޓުންނަށް ޓިކެޓް ކަށަވަރުވެފައިވެ އެވެ. އެއީ 37 ދާއިރާއަކުންނެވެ. ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލުމުން ވާދަކުރަން އެދި ހޯދުމަށް އެދި ހުށަހެޅީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންނެވެ. އަދި އެއް ކެންޑިޑޭޓަކަށް ވުރެ ގިނައިން ކުރިމަތިލީ އެންމެ ހަތަރު ދާއިރާއަކަށްކަމުން ޕްރައިމަރީ ބާއްވަނީ ވެސް އެ ދާއިރާތަކަށް އެކަންޏެވެ.
އެހެންވެ އެއްވެސް މީހަކު ކުރިމަތި ނުލައި އޮތް 52 ދާއިރާ އިން ދާއިރާއަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 6 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އޮތީ ހުޅުވާލާފައި އެވެ. އެ ޕާޓީން ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ިއންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތަށް ބަލާ، ވާދަވެރި ޕްރައިމަރީއަކުން ޕާޓީގެ ޓިކެޓް ހަވާލުކުރާން އެކަށީގެންވާ ވަގުތު ނެތުމުން އެކަކަށް ވުރެ ގިނަ މީހުން ދާއިރާއަކަށް ކުރިމަތިލައިފި ނަމަ އެ ދާއިރާއަކަށް ވާދަކުރާނެ މީހަކު ކަނޑައަޅާނީ ޕާޓީ ރައީސްގެ ކައުންސިލުން ކަމަށެވެ.
އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއަކަށެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރެ އެވެ. މިއަދުގެ ޕްރައިމަރީގައި އެ ޕާޓީގެ 25،325 މެންބަރަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.
އެމްޑީޕީން ބުނީ ހުރިހާ ވޯޓުފޮށްޓެއްގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާ އިރު،ހަވީރު 5:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ދާނެ ކަމަށެވެ. ޕްރައިމަރީ އަށް 95 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައިވާ އިރު، މާލޭގައި 27 ފޮށި ބަހައްޓާފައިވެ އެވެ.
ޑިމޮކްރެޓްސްހެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.