ޗައިނާގެ ފިރިހެނަކު އޭނަގެ ލޯބިވެރިޔާއާ ގުޅިގެން އަމިއްލަ ދެ ދަރިން މަރާލި މައްސަލައިގައި އެ މީހުންގެ މައްޗަށް މީގެ ތިން އަހަރު ކުރިން އިއްވި މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ޒަންގް ބޯ ކިޔާ ފިރިހެން މީހާ އާއި ޔޭ ޗެންގްޗެން ކިޔާ ލޯބިވެރިޔާގެ މައްޗަށް މިދިޔަ ބުދަ ދުވަހު މަރުގެ ހުކުމް ތަންފީޒުކުރީ ދެކުނު ހުޅަނގު ޗައިނާގެ ސިޓީއެއް ކަމަށްވާ ޗޮންގިންގައި ކަމަށެވެ. އެކަމަކު އެ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކުރީ ކިހިނެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ލޯބިވެރިޔާގެ ޕްރެޝަރާ ހެދި ދަރިން މަރާލި ކަމަށް ޒަންގް ވަނީ ނޮވެމްބަރު 2، 2020 ގައި ކޯޓްގައި އިއުތިރާފުވެފަ އެވެ. އެހެންވެ ޒަންގް އާއި ޔޭގުޅިގެން ދަރިން މަރާލި މައްސަލާގައި އިއްވި މަރުގެ ހުކުމް ޗައިނާގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވެ އެވެ. ޒަންގް ބުނެފައިވާ ގޮތުގައި އޭނަގެ ދެ އަހަރުގެ އަންހެން ދަރިފުޅާ އަހަރެއްވީ ފިރިހެން ދަރިފުޅު މަރައިލީ އެ މީހުން އުޅެމުން އައި އިމާރާތުގެ 15 ވަނަ ބުރީގެ އެޕާޓްމަންޓްގެ ކުޑަދޮރުން ވައްޓާލައިގެންނެ އެވެ.
ކައިވެނިން ބޭރުގައި ޒަންގް އާއި ޔޭ ގުޅުން ހިންގަން ފެށީ 2020 ގެ ކުރީކޮޅު އެވެ. އެ މައްސަލާގައި ޒަންގް އާއި އަންހެނުން ޗެން މީލީން ވަރިވީ އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޒަންގްއާ ރައްޓެހިވި އިރު، އޭނަގެ ކައިވެންޏެއްކޮށްގެން އުޅޭކަމާއި ދަރިން ތިބިކަން ޔޭ އަށް ކުރިން ނޭނގޭ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު ފަހުން ޒަންގް އަންހެނުން ވަރިކުރިކަން ޔޭ އަށް އެނގިފައިވެ އެވެ. އޭގެ ފަހުން އޭނަ ގެންދިޔައީ ދަރިންގެ ދުވަސް ދުއްވައިލަން ޒަންގް އަށް ޕްރެޝަރުކުރަމުންނެވެ.
ކުރީގެ ފިރިމީހާ އާއި އޭނަގެ ލޯބިވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅިގެން ޗެން ބުނީ އާއިލާ ހަލާކުކޮށްލި މީހުން ދުނިޔެއިން ނެތިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ތަސައްލީއެއް ކަމަށެވެ.