އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްގެން އެ ޕާޓީގެ 8 މަޖިލިސް މެންބަރަކު ޓިކެޓް ހޯއްދަވައިފި އެވެ.
އިއްޔެގެ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޕްރައިމަރީ ކާމިޔާބު ކުރެއްވި މެންބަރުންނަކީ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރާއި އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު (ބިގޭ) އާއި ކިނބިދޫ ދާއިރާގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ގެ ފިރިކަލުން މުހައްމަދު ނާޝިޒާޢީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫންގެ އިތުރުން އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ.
ނާޝިޒު ޓިކެޓް ހޯއްދެވި އިރު، ފޭދޫ އުތުރު ދާއިރާ އަށް ވާދަކުރައްވައިގެން ރޮޒޭ ވަނީ ބަލިވެވަޑައިގެންފަ އެވެ.
އެމްޑީޕީގެ މިހާރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން ޕްރައިމަރީން ނާކާމިޔާބާ ކުރިމަތިލައްވަން ދެން ޖެހިވަޑައިގަތީ ދެ މެންބަރަކަށެވެ. އެއީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
އެމްޑީޕީގެ ޕްރައިމަރީ 40 ދާއިރާއަކަށް ބޭއްވި އިރު، 149 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ޓިކެޓް 46 ބޭފުޅަކު ކަށަވަރު ކުރައްވާފައިވެ އެވެ.
މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ގަ އެވެ. އެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.