ރައްޔިތުމްގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސްކަމުން އަހުމަދު ސަލީމު (ސައްލެ) ވަކިކުރަން ހުށަހަޅާފައިވާތީ އެކަމުގެ ނޯޓިސް ފޮނުވައިފި އެވެ.
ހޯރަފުށީ ދާއިރާގެ މެންބަރަށް ނޯޓިސް ފޮނުއްވީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވަ އެވެ.
ސައްލެ އާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ސަރުކާރު ކޯލިޝަނުންނެވެ. ސައްލެ އަށް ނޯޓިސް ފޮނުވު ނަމަވެސް އަސްލަމަށް އަދި ނޯޓިސް ނުފޮނުވަ އެވެ.
އެ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 23 މެމްބަރުންގެ ސޮޔާ އެކު އެވެ. އެއީ ޕީޕީއެމާއި ޕީއެންސީގެ 18 މެންބަރުންގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.
އަސްލަމާއި ސައްލެގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު މަޖިލީހުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެންނެވެ. އެގޮތުން އެ ބޭފުޅުން ކުރައްވާފައި ވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ އެކު މިހާރު މަޖިލީހުގައި 57 މެންބަރުން ތިއްބަވާ އެވެ. ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދަކީ 30 އެވެ.