Last Updated: October 25, 16:07
Friday, October 25, 2024
ކުޅިވަރު

އެތުލެޓިކޯ އިން ފަހު ވަގުތު ރެއާލް ހުއްޓުވައިފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ވެސް ކުޅުނު 23 މެޗުން ލިބުނު 58 ޕޮއިންޓާ އެކު ރެއާލް އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 56 ޕޮއިންޓާ އެކު ޖިރޯނާ އޮތްއިރު ތިންވަނައިގައި 50 ޕޮއިންޓާ އެކު އޮތި ބާސެލޯނާ އެވެ. ހަތަރުވަނައިގައި 48 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ބްރަހިމް ޑިއާޒް ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. ލީޑު ފުޅާކޮށްލަން ރެއާލަށް އިތުރު ފުރުސަތުތަކެއް ލިބުނުއިރު އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކުރީ އެތްލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކް އެވެ. އަދި ޑިއާޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ދިޔައީ ބޭރުންނެވެ.

ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް އެތްލެޓިކޯ އަށް މި މެޗުގައި ތަނަވަސްކުރެވިފައި ނުވި ނަމަވެސް އެޓީމުން ވަނީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބޮލުން ފޮނުވާލި ހަމަލާއެއް ގޯލަށް ފޮނުވާލައިގެން މި ގޯލު އެތްލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ރެއާލަށް ކުރިން ކުޅުނު މާކޮސް ލޮރެންޓޭ އެވެ.

މިއީ މިއަހަރުތެރޭ ރެއާލް އާއި އެތްލެޓިކޯ ބައްދަލުކުރި ތިންވަނަ ފަހަރެވެ. މި ދެ ޓީމު މިއަހަރު ފުރަތަމަ ބައްދަލުކުރީ ސްޕެނިޝް ސުޕަ ކަޕްގެ ސެމީފައިނަލްގަ އެވެ. އެ މެޗު 5-3 އިން ކާމިޔާބު ކުރީ ރެއާލުންނެވެ. ދެވަނަ މެޗުގައި މި ދެ ޓީމު ސްޕެނިޝް ކަޕްގައި ބައްދަލުކުރިއިރު އެ މެޗު 4-2 އިން ކާމިޔާބު ކުރީ އެތްލެޓިކޯ އިންނެވެ.

ސްޕެނިޝް ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް ޖިރޯނާއާ އެވެ.