Last Updated: September 9, 14:30
Monday, September 9, 2024
ޚަބަރު

ރައްޔިތުން އިތުބާރު ނުކުރާ ތަނަކަށް މަޖިލިސް ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް - ފޮޓޯ: މަޖިލިސް

ރައްޔިތުން އިތުބާރު ނުކުރާ މުއައްސަސާ އަކަށް ރައްޔިތުންގެ މަޖިލިސް ވެފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އެކިއެކި ދިރާސާތަކުން ފެންނަ ގޮތުގައި ރައްޔިތުން ވަރަށް އިތުބާރު ނުކުރާ މުއައްސަސާ އަކަށް މަޖިލިސް ވެފައިވާ ކަމަށާއި އެ އިތުބާރު ދެމެހެއްޓުމުގެ ޒިންމާ އޮތީ މަޖިލީހުގެ މެމްބަރުންގެ އަތް މަތީގައި ކަމަށްވާއިރު އެ އިތުބާރު ނަގާލުމުގެ ކަންކަން ވެސް ކުރަމުން ދަނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

މެމްބަރުން ޕާޓީ ބަދަލުކުރުމުގެ ވާހަކަ އަކީ މިހާރު އެންމެ ގަދަ އަށް ދެކެވޭ ވާހަކަ ކަމަށާއި މެމްބަރަކު ޕާޓީ ބަދަލުކުރުމަށް ވުރެ އެންމެ ބޮޑު މައްސަލައަކީ ޕާޓީ ބަދަލުކުރާ ސަބަބު ރައްޔިތުންނަށް ނޭނގުން ކަމަށް ސަލީމް ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ ޑިމޮކްރެސީ ބަލިކަށިވުން ކަމަށާއި އަދި މެމްބަރުން އެގޮތަށް އަމަލުކުރުމަކީ ވޯޓުލާ މީހުން އެކަމުގައި އެތައް ސުވާލުތަކެއް އުފައްދައި ވޯޓުލުމަށް ޝައުގުވެރިކަން ވެސް ކުޑަވަގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިއީ ބަލައިގަންނަންޖެހޭ ހަގީގަތެއް. އެކިއެކި ދިރާސާތަކުން އެބަފެނޭ ދިވެހި ރައްޔިތުން ވަރަށް އިތުބާރު ނުކުރާ މުއައްސަސާއެއް ރައްޔިތުންގެ މަޖިލީހަކީ،" ސަލީމް ވިދާޅުވި އެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލެއް އެކުލަވާލުމުގެ މަޝްވަރާތައް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން މިހާރު ވަނީ ފަށާފަ އެވެ. މިފަދަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދެވި 13 މެމްބަރަކު އެ ޕާޓީ ދޫކޮށް ޕީއެންސީ އަށް ދާދިފަހުން ވަނީ ބަދަލުވެފަ އެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް އެކުލަވާލުމަކީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އެމްޑީީޕީން ވައުދުވި ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިފަދަ ގާނޫނެއް މަޖިލީހުން ފާސްކޮށް އަމަލުކުރި ނަމަވެސް އެމްޑީޕީ މެމްބަރުންގެ ތާއީދާއެކު ފަހުން އެ ގާނޫނު ވަނީ އުވާލާފަ އެވެ.