Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

ޖާބިރު އެމްޑީޕީން ވަކިކޮށްފި

މެމްބަރު އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިކޮށްފި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިގޮތަށް ނިންމީ މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުންދާތީ، މިކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއް ކަމަށްވާތީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު އެވެ.

އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށެވެ.

ޖާބިރު އެމްޑީޕީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީ ނަމަވެސް އެފުރުސަތު ލިބޭނީ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ނިންމާފައިވެ އެވެ. އަދި ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނަސް ޖާބިރު ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން މީލާދީ ފަސް އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމާފަ އެވެ.

ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ޑީއާރްޕީގެ ލީޑަރުކަން ވެސް ކުރެއްވި ޖާބިރު މީގެކުރިން ވަނީ ޖުމްހޫރީ ޕާޓީގައި ވެސް އުޅުއްވާފަ އެވެ.