ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ މައްސަލަ އަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ނުކުރާތީ، ސިޓީތަކާ ހަވާލުވެހުންނެވި މިނިސްޓަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ އަށް ވީހާ ވެސް އަވަހަކަށް ގާނޫނީ ފަރުވާއެއް މަޖީލީހުން ހޯދައިދޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މި ކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭނެ ކަމަށް ވެސް އުންމީދު ކުރަން." އާދަމް ޝަރީފު ވިދާޅުވި އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ މައްސަލަ ވަކި ކޮޅެއްގައި ނުޖެހި އޮތުމުން މިނިސްޓަރު ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން އެ މައްސަލަ ހައްލު ކުރުމަށް މިނިސްޓަރު ގޮވާލައްވާފައިވެ އެވެ.
އާދަމް ޝަރީފު ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ، އެ ރަށް ސިޓީއަކަށް ހައްދަވާނެ ކަމަށް ރިޔާސީ ކެމްޕޭނުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމުން، އަވަސް އަރުއްވާލައިގެން ކަމަށެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ރައީސްގެ ގަރާރަކުން ދިނީ އޮގަސްޓް 30 ގަ އެވެ.
އެ ނިންމެވުމާ ގުޅިގެން ސިޓީ ކައުންސިލެއްގެ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އުފުލަންޖެހެނީ ރަށު ކައުންސިލުންކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ކައުންސިލްގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް އެ ރަށު ކައުންސިލްގެ ހައިސިއްޔަތާ މެދު ސުވާލު އުފެދިގެން އެ ކައުންސިލުން އޮތީ މަޖިލީހަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެހެންވެ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ގާނޫނު އިސްލާހުކުރަން ވެސް ނިންމި އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ދެން ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން ތިނަދު އަކީ ރަށު ކައުންސިލެއް ކަމަށް ނިންމައިފަ އެވެ.