އައްޑޫން ދޫކުރަން ނިންމި ގޯތިތަކަށް ކުރިމަތިލި މީހުންގެ މެދުގައި މާދަމާ ގުރުލާން ފަށާ އިރު އެންމެ ފުރަތަމަ ގުރުލުން ބާއްވަން ހަމަޖެހިފައި ވަނީ ހިތަދޫން ގޯތި ލިބުނު މީހުންގެ މެދުގައި ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ ހިތަދޫ ގުރުލުން ތިން ދުވަހަށް ބާއްވާނެ ކަމަށެވެ. އެއީ މާދަމަ އާއި ބުރާސްފަތީގެ އިތުރުން އަންނަ އާދީއްތަ ދުވަހު އެވެ. އެގޮތުން ކެޓެގަރީ A އިން ދޫކުރާ 450 ގޯއްޗާއި ކެޓެގަރީ B އިން ދޫކުރާ 50 ގޯއްޗަށް ގުރުލުން ބާއްވާނީ އައްޑޫ ހައި ސްކޫލްގެ ހޯލުގަ އެވެ. އެއީ މާދަމާ މެންދުރު ފަހު 2:30 އިން ފެށިގެންނެވެ.
ހިތަދޫ ގުރުލުން ތާވަލުކޮށްފައިވާ ގޮތް:
* ޝުމާރު ނަންބަރު 1-150 އަށް ގުރު ނެގުން: ފެބުރުއަރީ 7 ގެ 2:30 އިން ފެށިގެން
* ޝުމާރު ނަންބަރު 151-300 އަށް ގުރު ނެގުން: ފެބުރުއަރީ 8 ގެ 2:00 އިން ފެށިގެން
* ޝުމާރު ނަންބަރު 301-500 އަށް ގުރު ނެގުން: ފެބުރުވަރީ 10 ގެ 09:00 އިން ފެށިގެން
ގުރުނެގުމަށް ދާ އިރު މުއްދަތު ހަމަނުވާ އައިޑީކާޑު ގެންދަން ޖެހޭނެ އެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ މިއިޢުލާނާއި އެކަމާ ގުޅޭ ސަބަބު ބަޔާންކޮށް، ގޯތި ލިބޭ ފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ބަދަލުގައި ދާ މީހާގެ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ.
ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ފަހުން މިދިޔަ އަހަރުގެ ޖެނުއަރީގައި އައްޑޫން ދޫކުރަން އިއުލާންކުރީ ޖުމްލަ 1،000 ގޯއްޗެވެ. އެގޮތުން ހިތަދޫން ޖުމްލަ 500 ގޯއްޗަށް ހުޅުވާލި އިރު، ފޭދޫން ދޭން ނިންމީ 300 ގޯއްޗެވެ. އެއި ދެ އަވަށުން ވެސް ދޭން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ. މީދު އާއި ހުޅުދޫން ކޮންމެ އަވަށަކުން 100 ގޯއްޗަށް ހުޅުވާލި އިރު، އެއީ 2،000 އަކަފޫޓްގެ ގޯއްޗެވެ.
ގޯތިތަކަށް ކުރިމަތިލާން ދިން މުއްދަތު ހަމަވި އިރު 4،000 އަށް ވުުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އެހެންވެ ކައުންސިލުން ނިންމާފައި އޮތީ ޝަރުތު ހަމަވާ އެންމެންނަށް ވެސް ގޯތި ދޭށެވެ.