އައްޑޫ ނައިޓް މާކެޓްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ކައުންސިލުން މިއަދު ބުނީ މި މަހުގެ 10-16 އަށް ހިތަދޫގައި ބާއްވަން ނިންމާފައިވާ ނައިޓް މާކެޓްގައި ބައިވެރިވާން ދިން ސުންގަޑި އިއްޔެ ހަމަވި ނަމަވެސް މިހާރު ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވާން ފުރުސަތު ދިނުމުގެ ގޮތުން އަންނަ ބުރާސްފައްޗާ ހަމައަށް ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ.
"އައްޑޫ ނައިޓް މާކެޓް 2024" ގައި ބައިވެރިވާން ކައުންސިލުން ހުޅުވީ މިދިޔަ މަހުގެ 28 ގަ އެވެ. މީގައި ބައިވެރިވާން ޝައުގުވެރިވާ ވިޔަފާރިތަކަށް ފޯމް ދޫކުރާނީ ހިތަދޫ އަވަށު އޮފީހުންނެވެ. އަދި އިތުރު މައުލޫމާތު 6885753 އަށް ގުޅައިގެން ހޯދޭނެ އެވެ.
އަންނަ މަހު ފޭދޫގައި ވެސް ނައިޓް މާކެޓެއް ބާއްވަން އެ އަވަށު އޮފީހުން ވަނީ ނިންމައިފަ އެވެ. އޭގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 15 އަށެވެ. އެ ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1-5 އަށެވެ.
މީގެ ކުރިން ވެސް އައްޑޫގައި ރޯދައާ ދިމާކޮށް ނައިޓް މާކެޓް ބާއްވާފައިވެ އެވެ.