މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމަށް ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ "ރައްކާ ފަހި ރާސްތާ" ޕްރޮގްރާމް ތިނަދޫގައި ފަށައިފި އެވެ.
މި މަހުގެ 9 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި، ދުވެއްޔަށް ހާއްސަކޮށްގެން ސްޕީޑް ގަން ބޭނުން ކޮށްގެން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ އެވެއާނަސް ޕްރޮގުރާމުގައި، ޓްރެފިކާ ގުޅުންހުރި މައުލޫމާތު ހިމެނޭ ލީފްލެޓް އާންމު ރައްޔިތުންނަށް ހަދިޔާކުރުމާއި އެއްގަމު އުޅަނދު ދުއްވާއިރު ހަމަކުރަންޖެހޭ ސްޓިކާތައް އުޅަނދުގައި ހަމަތޯ ބެލުމާއި ހާއްސަކޮށް ތުއްތު ކުދިން ގޮވައިގެން އުޅަނދު ދުއްވާއިރު ހާނަސް އެޅުމާއި ޝީޓް ބެލްޓުއެޅުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން އޯވަސްޕީޑް ކުރުމުގެ ނުރައްކާތެރިކަން ބުނެދީ ގޯޅި އަޅާއިރު އުޅަނދުގެ ސްޕީޑު މަޑުނުކޮށް ދުއްވާ މީހުންނަށް ހާއްސަ ސަމާލު ކަމެއް ދީގެން މޮނީޓަރކޮށް އެގޮތަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވާނެ އެވެ.
އަދި އެއްގަމު އުޅަނދު ދުއްވާއިރު، ސްޕީޑް ގަން ބޭނުންކޮށްގެން ބަލައި އޯވަ ސްޕީޑްވާ މީހުންނަށް ހުއްޓުވައި ނަސޭހަތްތެރި ވާނެ އެވެ. ހަމައެއާ އެކީ ސްކޫލު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާނެ ގޮތާއި އާންމުކޮށް މީހުން އެއްވާ ތަންތާގައި ވެހިކަލް ޕާކު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވެސް ޕްރޮގްރާމްގެ ތެރޭގައި ހިއްސާކުރާނެ އެވެ.
ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ތިނަދޫ ސިޓީ ޕޮލިހާއި ސައުތު ޕޮލިސް ރީޖަން ގުޅިގެން ކުރިއަށް ގެންދާ "ރައްކާ، ފަހި ރާސްތާ" ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް މައުލޫމާތު ދޭނެ އެވެ.
އެގޮތުން ތިނަދޫ ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ތަމްރީނު ޕްރޮގްރާމް ވެސް ވަނީ ފަށައިފަ އޭގައި އެ ސްކޫލުގެ 36 ދަރިވަރަކު ބައިވެރިވެ އެވެ.