އައްޑޫ މީދޫން ގޯތި ލިބުނު މީހުންގެ މެދުގައި މިއަދު ހަވީރު ގުރުލުން ބާއްވަން ނިންމައިފި އެވެ.
އެ އަވަށު އޮފީހުން ބުނީ ގުރުލުން ބާއްވަން ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައި ޝަމްސުއްދީން ސްކޫލްގަ އެވެ. ގުރުލާން ނިޖްމާފައި ވަނީ އޭ ކެޓަގަރީން ގޯތި ލިބުނު މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު 90 މީހުންނާއި ބީ ކެޓަގަރީން ގޯތި ލިބުނު މީހުންގެ މެދުގަ އެވެ.
މީދޫ އަވަށު އޮފީހުން އޭ ކެޓަގަރީން ގޯތި ލިބުނު ބާކީ މީހުންގެ ގުރުނަގާނެ ތާރީހަކާއި ގަޑި ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މިއަދު ބާއްވާ ގުރުލުމަށް ދާ އިރު، އައިޑީ ކާޑު އަދި ބަދަލުގައި މީހަކު ފޮނުވާ ނަމަ އެކަމާ ގުޅޭ ލިޔުމާއި އެ މީހެއްގެ އައިޑީ ކާޑު ގެންދަން ޖެހެ އެވެ. އަވަށު އޮފީހުން ގޯތި ލިބުނު މީހުންގެ ތެރެއިން މީހަކު ގުރުއަތުގައި ބައިވެރިނުވާ ނަމަ އެ މީހެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ އަވަށު އޮފީހުން ކަނޑައަޅާ މީހެއް ކަމަށެވެ.
މީދޫން ދޫކުރަން ނިންމީ 100 ގޯއްޗެވެ.
އައްޑޫން ގޯތި ދޫނުކުރާތާ ގިނަ އަހަރުތަކެއް ފަހުން މިދިޔަ އަހަރުގެ ޖެނުއަރީގައި އައްޑޫން ދޫކުރަން އިއުލާންކުރީ ޖުމްލަ 1،000 ގޯއްޗެވެ. އެގޮތުން ހިތަދޫން ޖުމްލަ 500 ގޯއްޗަށް ހުޅުވާލި އިރު، ފޭދޫން ދޭން ނިންމީ 300 ގޯއްޗެވެ. އެއި ދެ އަވަށުން ވެސް ދޭން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ. މީދު އާއި ހުޅުދޫން ކޮންމެ އަވަށަކުން 100 ގޯއްޗަށް ހުޅުވާލި އިރު، އެއީ 2،000 އަކަފޫޓްގެ ގޯއްޗެވެ.
ގޯތިތަކަށް ކުރިމަތިލާން ދިން މުއްދަތު ހަމަވި އިރު 4،000 އަށް ވުުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އެހެންވެ ކައުންސިލުން ނިންމާފައި އޮތީ ޝަރުތު ހަމަވާ އެންމެންނަށް ވެސް ގޯތި ދޭށެވެ.
ހިތަދޫން ގޯތި ލިބުނު މީހުންގެ މެދުގައި ވެސް މިއަދު ގުރުލުން ފަށަން ވަނީ ނިންމައިފަ އެވެ. އެއީ މެންދުރު ފަހު 2:00 ގައި އައްޑޫ ހައި ސްކޫލްގަ އެވެ.