ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި ޗިލީގެ ކުރީގެ ރައީސް ސެބަސްޓިއަން ޕިނޭރާ އަވަހާރަވެއްޖެ އެވެ.
އޭނަގެ އެ އޮފީހުން މިކަން އިއުލާންކޮށް ބުނީ އެ ހާދިސާ ހިނގީ އިއްޔެ ދެކުނު ޗިލީގެ ލޮސް ރިއޯސް ސަރަހައްދުގައި ކަމަށާއި ވެއްޓުނު ހެލިކޮޕްޓަރުގައި ސެބަސްޓިއަންއާ އެކީ އިތުރު ތިން މީހަކު ތިބި ކަމަށެވެ، އެކަމަކު އެ މީހުން ސަލާމަތްވެފައިވެ އެވެ.
މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު ހެލިކޮޕްޓަރު ވެއްޓެން ދިމާވި ކަމަށް ލަފާކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގި އިރު، ބޯކޮށް ވާރޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުމުރުން 74 އަހަރުގެ ސެބަސްޓިއަން ޗިލީގެ ރައީސްކަން ދެ ދައުރަކަށް ކުރެއްވި އެވެ. އެއީ 2010-2014 އަށް އަދި 2018-2022 އަށެވެ. ހަތަރު ބޭފުޅުން ލިބިވަޑައިގަތް ސެބަސްޓިއަން އަކީ ޗިލީގެ ނުފޫޒު ގަދަ މަހުޖަނެއް ވެސް މެ އެވެ. އޭނަގެ މިލްކިއްޔާތު 2.68 ބިލިއަން ޑޮލަރަށް އަރަ އެވެ.
ސެބަސްޓިއަން އަވަހާރަވުމާ ގުޅިގެން ޗިލީގެ ސަރުކާރުން ވަނީ ތިން ދުވަހަށް ގައުމީ ހިތާމަ އިއުލާންކޮށްފަ އެވެ. އަދި ރަސްމީ އިއްޒަތުގައި އޭނަގެ ޖަނާޒާ ބާއްވަން ރައީސް ގެބްރިއަލް ބޮރިކް ވަނީ ނިންމަވައިފަ އެވެ. އެކަމަކު ޖަނާޒާ ބާއްވާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.