Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

މޭޔަރު އައްޑޫ ރައްޔިތުންނަށް: "ގޯތި ލިބޭނެ، ކެތްކޮށްލާ"

"މިކަމާއި ގުޅިގެން ނޭދެވޭ ގޮތަށް ރައްޔިތުނަށް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަކީ އަޅުގަނޑުމެން އެދޭ ގޮތެއް. އަދި ކެއްތެރިކަމާއެކު ގޯތި ލިބެންދެން މަޑު ކުރުމަކީވެސް އޮތް ކަމެއް. ހުރިހާ ބޭފުޅުންނަށްވެސް ގޯތި ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން އަރުވާއިރު، އިތުރު ތިން ހަތަރު މަހަށްވެސް ކެތް ކުރެވިދާނެ ކަމަށް ޤަބޫލު ކުރަނީ "

މިއީ އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އީއްޔެ ބޭއްވި ކައުންސިލް ޖަލްސާގައި ގޯތި ދިނުމާއި ގުޅޭގޮތުން ދެއްކި ވާހަކައިގެ ތަންކޮޅެކެވެ. އައްޑޫސިޓީން ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ހިތަދޫ، ފޭދޫ އަދި ހުޅުދޫ އަދި މީދޫއިން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ބިންތަކެވެ.

ޖުމްލަ 1000 ގޯއްޗަށް މި އަވަށްތަކުން ފުރަތަމަ ކައުންސިލުން ހުޅުވާލިއިރު، 4096 ފޯމު ވަނީ ލިބިފައެވެ. ހުރިހާ ފޯމެއް ތަރުތީބުކޮށް މާކްސް ދީ އަދި ކުރަން ޖެހޭ ކަންކަންކޮށް ނިންމާލިއިރު އޮތީ 3182 ނަމެވެ. މީގެ ތެރެއިން ގުރުއަތުލުމުގެ ކަންކަން މިހާރު ކުރިއަށް ގެންދާނީ ފުރަތަމަ އިއުލާން ކުރި 1000 ގޯއްޗަށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށެވެ. ބާކީ ތިބި ފަރާތްތަކަށްވެސް ގޯތި ލިބޭނެ ކަމުގެ ޔަޤީންކަން ކައުންސިލުން ދެއެވެ.

އެކަމަކު ބާކީ 2182 ފަރާތެއް އިއުލާން ކުރިތާ އަހަރެއް ފަހުން އަނެއްކާވެސް އިތުރު 3-4 މަހަށް އިންތިޒާރު ކޮށްލާށެވެ. އޭގެ ސަބަބުތަކެއް ވެސް މޭޔަރ އީއްޔެ ޖަލްސާގައި ވިދާޅުވިއެވެ. އެގޮތުން އެފަރާތްތަކަށް ގޯތި ދޭން ނިންމާފައިވަނީ އައްޑޫގައި އަލަށް ހިއްކުނު ބިންތަކުންނެވެ.

" އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ގޮޅި ކަނޑާފައި މިއޮތީ ބިމޭ ކިޔާފައި ދިނުމަށް. އެހެން ނުނިންމާ ލޭންޑް ޔޫޒް ޕްލޭން ފުރިހަމަކޮށް އެ ފަރާތްތަކަށް ގޯތި ހަވާލުކުރަން އަޅުގަނޑުމެން ނިންމައިގެން މިތިބީ. ޝަރުތު ހަމަވާނަމަ އެ ލިސްޓުގައި ނަން އޮވެއްޖެނަމަ އެ އެންމެންނަށް ގޯތި ލިބޭނެ. " ނިޒާރު ވިދާޅުވިއެވެ.

މޭޔަރ ނިޒާރު ވިދާޅުވި ގޮތުގައި މިހާރު ރަށުތެރެއިން ބިން ދޭ ތަންތަނުގެ ތެރޭގައިވެސް އެއީ ޗަސްބިމަށް ވުމުން ވެލި އަޅަން ޖެހޭ ތަންތަން ހުރި ކަމަށެވެ. އެހެން ނަމަވެސް ދެން ހިއްކި ބިންތަކުން ދޫކުރާ ބިންތަކަކީ ފަސޭހަ ކަމާއެކު ގެއަޅައިގެން ދިރިއުޅެވޭނެ ބިންތައް ކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި ކައުންސިލުން މިހާރު ދަނީ ލޭންޑް ޔޫޒް ޕްލޭން ނިމުމަށް ފަހަށް ކަރަންޓާއި ފެނާއި މިބިންތަކަށް ދިނުމަށް ސަރުކާރަށް ހުށަހަޅައިގެން މަސައްކަތް ކުރުމަށް ވިދާޅުވިއެވެ.

"މިހާރު ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ބަޔަކާއި ހަވާލުކުރަން އަޅުގަނޑުމެން ވާނީ ސިޓީ ފޮނުވާފައި. އެފަރާތާއި އެކު އެއްބަސްވުން ހެދޭތޯ މި ބަލަނީ މި އަންނަ ހަފްތާގައި. މިހާރު ހުށަހަޅާފައިވާ ފަރާތުން އޮތީ 3 މަހުގެ ތެރޭގައި އައްޑޫސިޓީ ލޭންޑް ޔޫޒް ޕްލޭން ނިންމާލަ ދޭނެ ކަމަށް. މިދެންނެވީ ހިއްކާފައި ހުރި ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭން. އޭގެ ތެރޭގައި ހިމެނޭ ހިތަދޫ ދެ ޒޯނާއި، މަރަދޫ، މަރަދޫ-ފޭދޫގެ ބިމާއި އަދި މީދޫ ހުޅުދޫއަށް ހިއްކޭނެ ތަންތަން. " މޭޔަރ ވިދާޅުވިއެވެ.

އައްޑޫގެ އަވަށްތަކުން ހުށަހެޅި ހުރިހާ ފަރާތްތަކަށް ބިން ދޫކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިއުމާއެކު އެ ބިންތައް ދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށް މޭޔަރ އަލީ ނިޒާރު ވިދާޅުވިއެވެ. އައްޑޫސިޓީ ކައުންސިލުން ދާދި ފަހުން ވަނީ އިތުރަށް ގޯއްޗަށް އެދޭ ފަރާތްތަކާއި ގޯތި ދޫނުކުރެވި ހުރި އަވަށްތަކުން އިތުރަށް 1050 ގޯތި ދޫކުރުމަށް ނިންމާފައެވެ.