ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޙުލާސާ ބަޔާން އިއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ދައުލަތުގެ ޚުލާސާ ބަޔާނަށް ވަރުގަދަ ރައްދެއް ދީފި އެވެ.
އެގޮތުން ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަހުގައި ވެސް ދޮގު ހަދާފައިވާ ކަން ސާބިތުވާކަމަށާއި އެހެންކަމުން އެމީހުންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެކަމަށް ވަނީ ބުނެފައެވެ. އަދި ދައުލަތުން ހުށަހެޅި ކިތާބީ ހެއްކާއި ނާޒިމް އާ ގުޅުމެއް ނެތްކަން ސާބިތުވާކަމަށާއި މީގެތެރެއިން ފިންގާރ ޕްރިންޓް މެޗް ނުވާކަމަށާއި ޕެންޑްރައިވް އާއި ވެސް ނާޒިމް އާ ގުޅުމެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ.
އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނާޒިމްގެ މައްޗަށް ޤާނޫނީ ގޮތުން މި ދަޢުވާ އުފުލުމަށް ހުރަސް އެޅޭ ޤާނޫނީ ހުރަހެއް އޮތްކަމަށްބުނެ ޤާނޫނީ ވަކީލުން ފާހަގަކުރި ނުކުތާއެވެ.
މިގޮތުން ޤަނޫނު ނަމްބަރ 17/2010 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރައި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ) 3 ވަނަ މާއްދާގެ (ޅ) އިން ނުރައްކާތެރި ހަތިޔާރެއް ފެނިގެން ހިންގޭ ތަޙްޤީޤެއްގައި އެ ތަކެއްޗަށް މީހަކު ޒިންމާވާންޖެހޭނެ ކަމަށް ބުނާ ފަދަ ކަމެއް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާކަމަށެވެ.
އެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވަނީ އެ ޤާނޫނުގައި ބަޔާންކުރާ ކުށާއި އަދަބު އެހެން ޤާނޫނުގައި ބުނާ ކުށާއި ތަޢާރުޟުވާނަމަ އިސްކަން ދޭންޖެހޭނީ އެ ޤާނޫނަށެވެ. އެހެންކަމުން ނާޡިމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ނުބައި ޤާނޫނެއްގެ ދަށުންކަން މިވަނީ ހާމަވެފައެވެ.
މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގައި އުޤޫބާތް ކަނޑައެޅޭ ޤާނޫނުތައް ކުށުގެ ތުޙުމަތުކުރެވޭ މީހާއަށް މަންފާވާގޮތަށް މާނަކުރަންޖެހޭއިރު މިހާރު ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވާ ޤާނޫނަށްވުރެ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރައި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އަދަބު ކުޑަކަމުން އެކަމަށްޓަކައިވެސް އިސްކަންދޭންޖެހޭނީ މި ޤާނޫނަށް ކަން ފާހަގަކުރެވެއެވެ.
ދެން އުފެދޭ ސުވާލަކީ ހަވާ ފަޓާސްބަރިއެއްހެން ނާޒިމްގެ މައްޗަށް މި ދަޢުވާ ސާބިތުވާކަމަށް ޙުކުމްކޮށްފާނެ ބާވައެވެ؟ އެކަން މިރޭ 11:15 ގައި އެނގިގެންދާނެއެވެ. ދިވެހިން އުއްމީދުކޮށްގެން ތިބީ ޢަދުލުވެރި ޙުކުމަކަށެވެ.