ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް، ސްރީ ލަންކާގެ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ވޯލް އޮފް ފޭމްގައި ހިމެނިވަޑައިގެންފި އެވެ.
އެ ޝަރަފު ޗީފް އޮފް ޑިފެންސް ފޯސްއަށް އަރުވާފައި ވަނީ އިއްޔެ ލަންކާގެ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި، ޢަބްދުއްރަޙީމަށް ވަނީ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ފަޚުރުވެރި ވޯލް އޮފް ފޭމްގައި ބަހައްޓާ ޗީފް އޮފް ޑިފެންސް ފޯސްގެ ޕޯޓްރެއިޓް އިފުތިތާހުކޮށް ދެއްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް ސަރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ކޮމަޑާންޓް، މޭޖަ ޖެނެރަލް ލަސާންތާ ރޮޑްރިގޯ ވަނީ އެ ކޮލެޖުގެ ލެގަސީ އަށް އިތުރު ފުރިހަމަކަން ގެނުވަދީފައިވާ ޢަބްދުއްރަޙީމް ލީޑަޝިޕު ފާހަގަކުރައްވައި، އެކަމަށް ޝުކުރު ދަންނަވައިފައެވެ. އަދި އޭނަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ތަރައްޤީކުރުމަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތާ، އެކަމުގައި އަދާކުރައްވާފައިވާ މުހިއްމު ދައުރުވެސް ފާހަގަކުރެއްވި އެވެ.
ޢަބްދުއްރަޙީމް ވަނީ އެ ކޮލެޖުގައި ހޭދަކުރައްވާފައިވާ ދުވަސްތަކުގެ ހަނދާތައް އާކުރައްވައި، ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ޒަރީޢާއިން އަސްކަރީ ޙަޔާތަށް ގެނުވި ހެޔޮ ބަދަލުތައް ފާހަގަކުރައްވައިފަ އެވެ. އަދި އެތަނުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތަޖުރިބާތައް ހިއްސާކުރައްވާ، މި ދުވަސްތަކުން ލިބިލެއްވި އަގުހުރި ފިލާވަޅުތަކާއި، އަސްކަރީ ޙަޔާތް ބައްޓަންކުރުމުގައި އެ މުއައްސަސާ އަދާކޮށް ދިން މުހިއްމު ދައުރު ފާހަގަކުރެއްވި އެވެ. އެގޮތުން މަސައްކަތަށް އަހައްމިއްޔަތުކަން ދިނުމާއި، އުނގެނުމުގައި ދެމިހުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވި އެވެ. ހަމައެއާއެކު، ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ސާބިތުވެ ހުރުމަށް ނަސޭހަތްތެރިވެލައްވައި، ތަޢުލީމު ހާސިލުކުރުމާއި، ލީޑަޝިޕް ތަރައްޤީކުރުމުން ލިބިދޭ ހެޔޮ ބަދަލު ފާހަގަކުރެއްވި އެވެ.
ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ލަންކާގެ ޑިފެންސް ސާވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުން ތަޢުލީމު ހާސިލްކުރައްވާފައި ވަނީ ޖެނުއަރީ 12 ،2009 އިން ޖެނުއަރީ 12، 2010 އަށެވެ. އޭނަ ސިފައިންގޭގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ގިނަ ކޮމާންޑް އެންޑް ސްޓާފްގެ އެޕޮއިންޓްމަންޓްތައް ފުރުއްވާފައިވެ އެވެ.