ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި، ވާވޭގެ ފްރާންސްގެ އޮފީސްތަކެއް އެ ގައުމުގެ ފައިނޭންޝަލް ޕްރޮސެކިއުޓާސް އޮފީހުން ރެއިޑްކޮށް، އެތަންތަން ބަލައި ފާސްކުރަން ފަށައިފި އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވާވޭގެ ތަންތަން ވަދެ ބަލައި ފާސްކުރަން ފެށީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް މުއާމަލާތްތަކެއް ހިންގާފައިވޭތޯީ ބެލުމަށެވެ.
މިކަމާ ބެހޭ ގޮތުން ފައިނޭންޝަލް ޕްރޮސެކިއުޓާސް އޮފީހުން ބުނީ ވާވޭގެ ތަންތަން ފާސްކުރަން ފެށީ ގާނޫނާ ހިލާފު މުއާމަލާތްތަކެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ފަހިކުރަން އުޅުމާއި ވަކި ބަޔަކަށް މަންފާވާ ގޮތަށް އެ ކުންފުނިން އަމަލުކުރާ ކަމަށް ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ކަމަށެވެ
މިކަމާ ގުޅިގެން ވާވޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮފީސްތައް ރެއިޑްކުރަން ފެށީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އޭގެ ފަހުން ސިލްސިލާކޮށް، އެކި އޮފީސްތައް ރެއިޑްކޮށް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނިން މިކަމަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"މިކަމަށް އަހަރެމެން މި އަންނަނީ ފުރިހަމަ އަށް އެއްބާރުލުން ދެމުން. އެކަމަކު ތަހުގީގު ކުރިއަށްދާ ކަމަކަށްވާތީ މިކަމާ ބެހޭ ގޮތުން އިތުރު އެއްޗެއް ބުނާކަށް ނެތް." ވާވޭ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ގާނޫނު ގަވާއިދާ ހިލާފަށް ފްރާންސްގައި އެއްވެސް ކަމެއްކޮށް ނުވާނެ ކަމަށާއި ފްރާންސްގައި ވާވޭ ހަރަކާތްތެރިވާތާ މިހާރު އެތައް ޒަމާނެއްވެއްޖެ ކަމަށާއި އެފަދަ ކަމެއް ކުންފުނީގެ ފަރާތުން މިހާތަނަށް ފެންމަތިވެފައި ނުވާ ކަމަށެވެ.
ވާވޭގެ ވިޔަފާރި ފްރާންސްގައި ހިންގަމުން އަންނަތާ މިހާރު 20 އަހަރުވެއްޖެ އެވެ. ވާވޭ އިން ފްރާންސްގައި އަހަރަކު އެވްރެޖްކޮށް 80 މިލިއަން ޔޫރޯ އަދި އެއަށް ވުރެ ބޮޑެތި އަދަދަކުން އިންވެސްޓްކުރެ އެވެ.
ފްރާންސުން ވާވޭގެ އޮފީސްތަކެއް ރެއިޑްކުރި އިރު، ކު ކުންފުންޏަކީ އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވި ދުވަސްވަރު އެ ގައުމުން ބްލެކްލިސްޓް ވެސް ކުރި ކުންފުންޏެކެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން ފިއްތުންތައް ކުރިމަތި ކުރިޔަސް އެ ކުންފުނި އަންނަނީ އެއްވެސް ކަމެއްގައި ނުގުޑާނެކަން ސާބިތުކޮށް ދެމުންނެވެ.