ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތު ވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ވިދާޅުވި ގޮތުގައި ނާޒިމް އާއި އޭނާގެެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ނިދާ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށް ދެއްވިފައެއް ނުވާ ކަމަށެވެ. އަދި އަފާފުގެ މައްޗަށް ދައުވާ ނުކުރުމަކީ ނާޒިމަށް ދައުވާ އިން ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ނާޒިމް އާއި އޭނާގެެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ނިދާ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށް ދެއްވިފައެއް ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވެފައި ވާއިރު ނާޒިމްގެ ޤާނޫނީ ޓީމްގެ ފަރާތުން ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި 51 ހެކިންގެ ތެރެއިން ކޯޓުން ހެކި ބަސް ނަގާފައިވަނީ އެންމެ 3 ހެކިންގެ ހެކިބަސް ކަން ފާހަގަ ކޮށްލެވެއެވެ.
މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔަ އިރު ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ތަފާތުތައް ހުއްޓެވެ. ނާޒިމްގެ ފަރާތުން އެދިގެން ޝަރީއަތަށް ހާޒިރު ކުރި އޭސީޕީ ހުސައިން އާދަމްވަނީ ނާޒިމް އެޕާޓްމެންޓަށް ވަނުމުގެ ހަތަރު ދުވަސް ކުރިން ސްވަޓް ޓީމެއް ތައްޔާރު ކުރުމަށް ޑީސީޕީ ހަސަން ހަބީބު އެންގެވި ކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީ ކޮމާންޑަރަކީ އެސްއޯގެ ކޮމާންޑަރަށްވީ އިރު އޭނާއަށް ނޭގި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާތީ ހުސައިން އާދަމްވަނީ ޝަކުވާ ވެސް ކުރައްވާފައެވެ.
ހަތަރު ދުވަސް ކުރިން ސްވޮޓް ޓޮމު ތައްޔާރު ކުރަން އެންގެވި ކަމަށް ހުސައިން އާދަމް ވިދާޅުވެފައިވާއިރު އޭގެ ކުރިން ހެކި ބަސްދިން މީހުން ބުނެފައިވަނީ ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް އޮތް ކަމަށް ބުނާ މައުލޫމާތު ލިބުނީ އެރޭ ކަމަށާއި މައުލޫމާތުދިން މީހާއަށް ކުރެވޭ އިތުބާރުގެ މިންވަރަށާއި، ކަމުގެ ހައްސާސްކަމުން ވަގުތުން ފިޔަވަޅު އެޅީ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ވަނީ 'އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެތް ނެތި ޝަޜީޢަތުގައި ސާބިތު ނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހެއް ކަމަށް ބެލުމުގެ ޙައްޤު ލިބިގެންވާ' ކަމަށެވެ.
ކާނަލް ނާޒިމްގެ ޤާނޫނީ ޓީމުގެ ފަރާތުން ޙުލާސާ ބަޔާނުގައި ފާހަގަ ކުރި ނުކުތާ ތަކަށް މިރޭ ކްރިމިނަލް ކޯޓުން އިއްވި ޙުކުމްގައި ރިޢާޔަތްކޮށްފައި ނުވާ އިރު އަދި ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާ އަށް ކޯޓުގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
11 އަހަރުގެ ހުކުމް އިއްވުމަށްފަހު ކޯޓުން ނުކުމެ ވަޑައިގެންނެވި އިރު ކާނަލް ނާޒިމްގެ މޫނު މަތީގައި އެއްވެސް މާޔޫސް ކަމެއް ނުފެނުނެވެ. މަޑު މަޑު ހިނިތުންވުމަކުން ހިނިތުންވެ ހުންނެވި ނާޒިމް ޝަރީއަތުގެ މަޖިލީހުގައި ތިބި އާއިލާގެ މެންބަރުންނަށް ދެއްވީ ވަރަށް ކުރު މެސެޖެކެވެ. އެއީ "ހިތްވަރުކޮށްލާ، އަދި އިންސާފު ލިބޭނެ،" ކަމެވެ.
ނާޒިމްގެ ޤާނޫނީ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށާއި ވީ އެންމެ އަވަހަކަށް އެ ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.