މީޑިއާތަކުން އަޑު ފަތުރާފައިވާ ގޮތަށް އަދި އެންގޭޖްމަންޓް ނުބާއްވާ ކަމަށާއި އެކަމަކު މި އަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމާފައިވާކަން ބޮލީވުޑްގެ ޒުވާން އެކްޓަރު ޝާހިދު ކަޕޫރު ކަށަވަރުކޮށް ދީފި އެވެ.
އިއްޔެ ރޭ އޮތް އެޗްޓީ ސްޓައިލް އެވޯޑްގެ ހަފުލާގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އުމުރުން 34 އަހަރުގެ އެކްޓަރު ބުނީ ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށެވެ.
"އަހަރެން އަދި އެންގޭޖެއް ނުވަން. އެކަމަކު ޑިސެމްބަރުގައި ކައިވެނި ކުރަން ނިންމައިގެން މި ހުރީ. ކަލޭމެން އެންމެން އަހަންނަށް އެއްްބާރުލުންދީ. ވަރަށް އަވަހަށް ހުރިހާ އެއްޗެއް ސާފުކޮށް ދޭނަން،" ކައިވެންޏާ ބެހޭ ގޮތުން ސުވާލް ކުރުމުން ޝާހިދު ބުންޏެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ސައިފް އަލީ ހާނާ ކައިވެނިކޮށްގެން އުޅޭ ކަރީނާ ކަޕޫރާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝާހިދު މިހާރު ރައްޓެހިވެގެން އުޅެނީ ނިއު ދިއްލީގައި އުޅޭ މީރާ ރާޖްޕުޓް ކިޔާ ކުއްޖަކާ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހިދާއި މީރާގެ އެންގޭޖަމަންޓް ޖެނުއަރީ 14، 2015 ގައި ވަނީ ބާއްވައިފަ އެވެ. އެކަމަކު އެކަން ޝާހިދު ދޮދު ކުރެ އެވެ.
އޭނާއަކީ އިންގްލިޝް އޮނާ އަށް ކިޔަވަމުން އަންނަ ކުއްޖެކެވެ. ކައިވެނީގެ ވާހަކަ ދެއްކި ނަމަވެސް، ކައިވެނި ކުރަނީ ކާކާ ކަމެއް ޝާހިދު ނުބުނެ އެވެ.
އެހެން ނަމަވެސް ބެލެވޭ ގޮތުން މީރާއަކީ ޝާހިދުގެ ލޯބިވެރިޔާ އެެވެ. އަދި މީރާގެ އާއިލާ އާ ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރު ވެސް ބައްދަލުކޮށް، ކައިވެންޏާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ކަރީނާ އާ ވަކިވުމަށް ފަހު، ޝާހިދު އާއި އޭނާގެ "ކިސްމަތު ކަނެކްޝަން" ގެ ބަތަލާ އަދި މިހާރު ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރާ ކައިވެނިކޮށްގެން އުޅޭ ވިދިޔާ ބާލަން އާ އަޅުވާ ކިޔާފައިވެ އެވެ.
އޭގެ ފަހުން ޝާހިދު އާ އެކު "ކަމީނޭ" އާއި "ތޭރީ މޭރީ ކަހާނީ" ކުޅުނު ޕްރިޔަންކާ ޗޯޕްޅާ އާ ވެސް ޝާހިދު ރައްޓެހިވި ކަމަށް އަޑުތައް ފެތުރުނެވެ.
އެންމެ ފަހުން ޝާހިދު އާ އަޅުވާ ކިޔާފައި ވަނީ "އާރް…ރާޖްކުމާރު" ގައި ޝާހިދުގެ ބަތަލާގެ ރޯލް ކުޅުނު ސޮނާކްޝީ ސިންހާ އާ އެވެ.
ޝާހިދު ވަރަށް ފަހުން ބުނެފައި ވަނީ ދެން ދުވަހަކު ވެސް ބޮލީވުޑްގެ ބަތަލާއަކާ ލޯބީގެ ގޮތުން ނުގުޅޭނެ ކަމަށެވެ.