މާދަމާ އައްޑޫގައި ފަށަން ހަމަޖެހިފައިވާ މި އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓާ ދިމާކޮށް ފުލުހުން އައްޑޫގައި ހާއްސަ ސެކިއުރިޓީ/ޓްރެފިކް އޮޕަރޭޝަނެއް ފަށައިފި އެވެ.
މި މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ޓީމްތައް އައްޑު އަށް އައުމާ އެކީ ފުލުހުންގެ މި އޮޕަރޭޝަން ފެށީ އިއްޔެ އެވެ. އެގޮތުން ލިންކް ރޯޑާއި ގުޅިފައިވާ އަވަށްތަކުގެ ބޮޑެތި އެހެން މަގުތަކުގައި ފުލުހުން ޓްރެފިކް ބަލަހައްޓަމުން ދާނެ އެވެ.
އެތުލެޓިކްސް މީޓް ކުރިއަށް ދާނީ ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގަ އެވެ. މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ. މުބާރާތް މި މަހުގެ 16 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އެހެންވެ މުބާރާތް ނިމެންދެން ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދާނެ އެވެ.
މީގެ މައިގަނޑު ބޭނުމަކީ މުބާރާތާ ދިމާކޮށް ލިންކް ރޯޑުން ދުއްވާ މީހުންގެ އަދަދު އިތުރުވެ، މަގުގެ ހަލަބޮލިކަން ވަރަށް ބޮޑުވާނެތީ ނުރައްކާތެރި ހާދިސާއެއް ހިނގިޔަ ނުދިނުމެވެ. އެހެންވެ ދުއްވާ މީހުން ވެސް ގަވާއިދާ އެއްގޮތަށް ދުއްވަން ފުލުހުން އިލްތިމާސްކުރެ އެވެ.
އިންޓަ-ސްކޫލްގައި ޖުމްލަ 31 ސްކޫލަކުން ވާދަކުރެ އެވެ. އެއީ އައްޑޫގެ 10 ސްކޫލެއްގެ އިތުރުން އެހެން ސަރަހައްދުތަކުން ވާދަކުރާ 21 ސްކޫލެކެވެ.